ދުނިޔެ

ބޮޑުމަސް އައިނެއް އޮސްޓްރޭލިއާގެ ބީޗަކަށް ލައްގައިފި

މުހައްމަދު އައުޒަމް

ބޮޑުމަސް އައިނެއް އޮސްޓްރޭލިއާގެ ބީޗަކަށް ލައްގައިފިއެވެ.

އޮސްޓްރޭލިއާގެ ކަމާބެހެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ހުޅަނގުގައި އޮންނަ ރަށެއްގެ ބީޗަށް ލެއްގި ބޮޑު މަސްތަކުގެ ތެރެއިން 51 މަސް ވަނީ މަރުވެފައެވެ. ލެއްގި ބޮޑުމަސްތައް ސަލާމަތްކުރުމުގެ މަސައްކަތް އާންމުންނާއި އިދާރާތަކުން ކުރަމުންދާއިރު، މިހާތަނަށް 46 ބޮޑުމަސް ވަނީ ސަލާމަތްކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުން ބޮޑުމަސްތަކުގެ ބޮޑު އައިނެއް އެއްފަހަރާ ގޮސް ހިކިދިޔަ ހިމެނޭ ސަރަހައްދަކަށް ޖަމާވެއެވެ. އަދި އެއްގަމަށް ދަމުންދަމުން ގޮސް އެ މަސްތައް ތާށިވެއެވެ.

ޕައިލެޓް ވޭލްގެ އާއިލާއަށް ނިސްބަތްވާ މި ބޮޑުމަސްތަކުގެ ދިގުމިނުގައި 25 ވަރަކަށް ފޫޓު ހުންނާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޮޑުމަސް އައިނަށް އެހެން ދިމާލަކަށް ނުރައްކަލެއް އައުމުން އޭގެން ސަލާމަތްވުމަށް މިސްރާބު ބަދަލުވުމުން ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.