ދުނިޔެ

ގަވާއިދާ ހިލާފަށް އުތުރު ކޮރެއާއަށް ވަން އެމެރިކާ ސިފައިންގެ މީހާ ސަލާމަތްކުރުމަށް އދ އިން މަސައްކަތް ފަށައިފި

މުހައްމަދު އައުޒަމް

ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް ވަން އެމެރިކާ ސިފައިންގެ މީހާ ސަލާމަތްކުރުމަށް އދ އިން މަސައްކަތް ފަށައިފިއެވެ.

އެމެރިކާ ސިފައިންގެ ޕްރައިވެޓެއް ކަމަށްވާ ޓްރޭވިސް ކިންގް ވަނީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ގުޅޭ ބޯޑަރު ކައިރިން އުތުރު ކޮރެއާގެ އިހުތިސާސް ހިމެނޭ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެފައެވެ. އަދި އެ މައްސަލައިގައި އުތުރު ކޮރެއާ ސިފައިން ވަނީ އެމީހުންގެ ބެލުމުގެ ދަށަށް ކިންގް ގެންގޮސްފައެވެ.

ޔުނައިޓެޑް ނޭޝަންސްގެ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު ވިދާޅުވެފައިވާ ގޮތުގައި އެމެރިކާ ސިފައިންގެ މީހާގެ މައްސަލައިގައި އުތުރު ކޮރެއާއާއެކު ވަނީ މަޝްވަރާތައް ފަށައިފައެވެ.

މިއީ 1982 ވަނަ އަހަރަށްފަހު އެމެރިކާ ސިފައިންގެ މީހަކު އުތުރު ކޮރެއާ ބޯޑަރު ހުރަސްކޮށް އެގައުމަށް އެތެރެވި ފުރަތަމަ ފަހަރެވެ. ޓްރޭވިސް ކިންގް މި އަމަލު ހިންގާފައިވަނީ މާރާމާރީގެ މައްސަލައެއްގައި އޭނާއާ މެދު ޑިސިޕިލިނަރީ ފިޔަވަޅު އެޅުމަށް އަނބުރާ އެމެރިކާއަށް ފޮނުވާލުމަށް ނިންމާފައިވަނިކޮށެވެ.

އދ ގެ ކޮމާންޑުން ވަނީ އުތުރު ކޮރެއާ ސިފައިންގެ ބެލުމުގެ ދަށުގައި ކިންގް ހުންނަ ހުރުމުގައި އޭނާއާ މެދު އަމަލު ބަހައްޓާ ގޮތް ބަލާ ކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.