އިމާދު ލަތީފު
އިންސްޓިޓިއުޓް އޮފް އިކޮނޮމިކްސް އެންޑް ޕީސް ނަމަކަށް ކިޔުނު ބައިނަލްއަގުވާމީ ޖަމާއަތަކުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެހައި ގައުމުތަކުގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ ނުހުންނަވަރު ބަލައި ހޯދައި ގިންތިކުރެއެވެ. އެތަނެއްގައި ކުށްކުރުން ހުންނަވަރާއި ޓެރަރިޒަމްގެ ހިޔަނި އެޅިފައިވާ މިންވަރާއި މައްސަލަތަކުގެ ތެރެއަށް ބޯމަހައިލުން ހުންނަ ނުހުންނަ މިންވަރު ބަލައި މިނެކިރުމަށްފަހު އެޖަމާއަތުން ނެރޭ ލިސްޓަށް ކިޔަނީ ގްލޯބަލް ޕީސް އިންޑެކްސްއެވެ. މިއަހަރުގެ ލިސްޓު ނެރުނުއިރު އަނެއްކާވެސް ވަރަށް ފުރިހަމަ އެއްވަނައެއްގައި އޮތީ އައިސްލެންޑެވެ. ދުނިޔޭގެ އެންމެ އަމާން އެންމެ އުފާވެރި ގައުމުގެ ގޮތުގައެވެ. މިއީ އައިސްލެންޑް ވިދިވިދިގެން މި މަގާމު ހޯދި ސަތާރަވަނަ އަހަރެވެ. މިއީ ތަފާސް ހިސާބުތަކުގެ މައްޗަށް ލިސްޓު ތަރުތީބުކުރަން ފެށިފަހުން ރިކޯޑެކެވެ.
އަމާންކަމާއި ހަމަޖެހުމާއި އުފާވެރިކަމުގެ ނަމޫނާއަކަށް މިހާ ދިގު މުއްދަތެއްގައި އައިސްލެންޑް ވުމުގެ ސިއްރަކީ ކޮބައިބާވައެވެ. ގައުމެއްގައި ހަމަނުޖެހުމާއި ހަލަބޮލިކަން ފެތުރި އާއްމުވުމަށްވެސް ސަބަބުތަކެއް އޮންނަފަދައިން ހަމަޖެހުމާއި އަމާންކަން ގާއިމުވެ ދެމެހެެއްޓުމަށްވެސް ސަބަބުތަކެއް ހުންނާނެއެވެ. އެކަންކަން ބަލައި ހޯދުމަކީ ފިލާވަޅު ލިބިގަތުމަށް ނުހަނު ބޭނުންތެރި ކަމެކެވެ. އައިސްލެންޑުގައި މީހުން މެރުމާއި ފޭރުމާއި ޓެކުމާއި ވައްކަންކުރުމާއި ކޮރަޕްޝަންގެ އަމަލުތައް މަދުވުމުގެ ސިއްރަކީ ކޮބައިކަން ބަލައި ފިލާވަޅު ހާސިލްކުރުމަކީ ހަމަ ކޮންމެ ބަޔަކުވެސް ކުރަންޖެހޭނެ ކަމެއްކަމުގައި ފެނެއެވެ. ގްލޯބަލް ޕީސް އިންޑެކްސްގެ ނަމުގައި ލިސްޓެއް ނެރެ އާއްމުކުރުމުގެ ބޭނުމަކީވެސް ގައުމުތަކުގެ އާއްމު ހާލަތު ވަޒަންކުރުމަށް އެހީތެރިވުމެވެ.
އައިސްލެންޑަކީ ނިސްބަތުން ކުޑަ ގައުމެއްވެސް ނޫނެވެ. އެއީ ޔޫރަޕުގެ އެންމެ ބިޔަ ދެވަނަ ޖަޒީރާއެވެ. އިނގިރޭސިވިލާތަށްފަހު ދެން ޔޫރަޕުގެ އެންމެ ބޮޑު ޖަޒީރާއަކީ އައިސްލެންޑެވެ. އެެއީ ގާތްގަޑަކަށް ސާޅީސް ހާސް އަކަމޭލުގެ ޖަޒީރާއެކެވެ. އޮންނަނީ އެޓްލާންޓިކް ކަނޑުގެ އުތުރުފަޅިން ޔޫރަޕާއި އުތުރު އެމެރިކާއާ ދެމެދުގައެވެ. އާބާދީގެ ގޮތުން އައިސްލެންޑަކީ ކުޑަ ގައުމެކެވެ. މިއަހަރު އައިސްލެންޑުގެ އާބާދީގެ ގޮތުގައި ރިކޯޑް ކުރެވިފައިވާ އަދަދަކީ ތިންލައްކަ ހަތްދިހަފަސްހާހެވެ. އެހެންވީމާ ބައިމިލިޔަންވެސް ހަމަނުވެއެވެ. ދިވެހިރާއްޖެއަށްވުރެވެސް އައިސްލެންޑުގެ އާބާދީ ކުޑައެވެ. އެންމެ ބޮޑު ސަހަރަކީ ވެރިރަށް ރެކަވިކެވެ. ގައުމުގެ މުޅި އާބާދީގެ ތެރެއިން ގާތްގަޑަކަށް ތިންބައިކުޅަދެބައި މީހުން ދިރިއުޅެނީ ރެކަވިކާއި އެސަހަރުގެ ވަށައިގެންވާ ސަރަހައްދުތަކުގައެވެ.
އައިސްލެންޑަކީ ޔުނިޓަރީ ދައުލަތެކެވެ. ޕާލަމެންޓަރީ ޑިމޮކްރަސީއެކެވެ. އިންތިޚާބުތަކުގައި އާބާދީގެ ނިސްބަތުން އެންމެ ގިނަބަޔަކު ވޯޓުލާން ނިކުންނަނީވެސް އައިސްލެންޑުގައެވެ. އަދި ދައުލަތުގެ މުއައްސަސާތަކަށް އިތުބާރުކުރުމާއެކު ސިޔާސީ ނިޒާމުގެ ސައްހަކަން ގަބޫލުކުރާ މީހުންގެ ނިސްބަތް އެންމެ މަތީ ގައުމަކީވެސް އައިސްލެންޑެވެ. ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނުގެ މުޑުދާރު ސިފަ އެންމެ ކުޑަ އެއްގައުމަކީވެސް އައިސްލެންޑެވެ. އަދުލުއިންސާފުގެ ދާއިރާއަށް އިތުބާރުކުރުން އެންމެ ބޮޑު އެއްގައުމަކީވެސް އައިސްލެންޑެވެ. އަދި ގައުމާއި މުޖުތަމައުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ އެންމެހައި ކަންކަމަށް އިއުތިރާފުވުމާއެކު ރައްޔިތުންގެ ބައިވެރިވުން ކަންކަމުގައި އެންމެ ބޮޑު އެއްގައުމަކީވެސް އައިސްލެންޑެވެ. ގައުމިއްޔަތާއި އަޚުލާގު އިސްކުރުން އެންމެ ބޮޑު ގައުމަކީވެސް އެއީއެވެ.
އައިސްލެންޑުގެ ސަރަހައްދު ކިތަންމެ ބޮޑަސް އަދި ބަލަހައްޓައި ދިފާއުކުރަންޖެހޭ އައްސޭރި ކިތަންމެ ބޮޑަސް އެގައުމުގައި ސްޓޭންޑިން އާރމީއެއް ނޯވެއެވެ. ޖީޑީޕީގެ ނިސްބަތުން ދިފާއީ ކަންކަމަށް ހޭދަކުރުން އެންމެ ކުޑަ އެއްގައުމަކީވެސް އެއީއެވެ. އެތެރޭގެ އަމަން ބެލެހެއްޓުމާއި ގާނޫނު ނެގެހެއްޓުމުގެ ޒިންމާއަދާކުރާ ފުލުހުންގެ އަދަދު އެއްހާހަށްވެސް ނާރައެވެ. ކުށްކުރުން މަދުވުމުގެ ސިއްރަކީ ފުލުހުން ގިނަވެފައި ބެލެހެއްޓުން ބޮޑުވެގެނެއް ނޫނެވެ. ކުށަށް އަރައިގަތުމަށް މަގުފަހިވާ މާހައުލެއް ނެތުމުންނެވެ. ކުށަށް އަރައިގަންނަން މެދުވެރިވާ ސަބަބުތައްވެސް މަދުކަމުންނެވެ. މުޅި އައިސްލެންޑުގައި މީހުން ބަންދުކުރަން ހުންނަނީ އެންމެ ފަސް ޖަލެވެ. އެ ފަސް ތަނުގައި ތިބި ގައިދީންގެ އަދަދު ސަތޭކަ ފަންސާހަށްވެސް ނާރައެވެ.
އައިސްލެންޑަކީ އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ މުއްސަނދި އެއްގައުމެވެ. ވަޒީފާނެތުމުގެ މައްސަލަޔަކީ އައިސްލެންޑުގެ ރައްޔިތުން ތަޖުރިބާކުރާ އަދި ތަޖުރިބާކުރަންޖެހޭ މައްސަލައެއްވެސް ނޫނެވެ. އެހެންނަމަވެސް ހިޖުރަވެރިންގެ ތެރޭގައި ހިސާބަކަށް އެ މައްސަލަ އޮވެއެވެ. ސަރުކާރުގެ ތެރޭގައި ރިޝްވަތު ހިފުމާއި ފަސާދައިގެ އެކަހަލަ އަމަލުތައް ވަރަށް މަދެވެ. ކަންކަން ކުރުމުގައި އޮންނަނީ އެންމެނަށްވެސް ފެންނަގޮތަށް ހާމަކަންބޮޑު ގޮތެއްގައި ކުރުމުގެ އުސޫލެވެ. ފަނޑިޔާރުގެއިން ނިންމާ ނިންމުންތަކުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެއްދުމުގެ ސަގާފަތެއް އަމްދުން ނުވެސް އޮވެއެވެ. ސުވާލު އުފައްދާކަށް ޖާގައެއްވެސް ނޯވޭމެއެވެ. މިކަންކަން މިހެންހުރީމާ ގައުމުގައި އަމާންކަމާއި ހަމަޖެހުން އޮންނާނެތާއެވެ. އުދާސްތަކާއި ނުތަނަވަސްކަމަށް ފުރުސަތެެއް ނުލިބޭނެތާއެވެ.