ދުނިޔެ

ގެއްލިގެން ހޯދަމުންދިޔަ ޖަރުމަނުގެ ވިޔަފާރިވެރިއެއްގެ ހަށިގަނޑު ތައިލެންޑުގެ ފްރީޒަރަކުން ފެނިއްޖެ

މުހައްމަދު އައުޒަމް

ގެއްލިގެން ހޯދަމުންދިޔަ ޖަރުމަނު ވިޔަފާރިވެރިޔެއްގެ ހަށިގަނޑު ތައިލެންޑުގެ ފްރީޒަރަކުން ފެނިއްޖެއެވެ.

އުމުރުން 62 އަހަރުގެ ހަންސް ޕީޓާ އަކީ ތައިލެންޑު މީހަކާ އިނދެގެން އެ ގައުމުގެ ޕަޓަޔާ ސިޓީގައި ދިރިއުޅެމުން ދިޔަ މީހެކެވެ.

ޕީޓާ ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. ތައިލެންޑުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނަކަށްފަހު ވަނީ ތައިލެންޑުގެ ދެކުނުން އޮންނަ ނޮންގް ޕޫރޭ ސިޓީގެ ގެއަކުން ޕީޓާގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑުގެ ބައިތަކެއް ފްރީޒަރެއްގެ ތެރެއިން ހޯދައިފައެވެ.

ތައިލެންޑުގެ ފުލުހުން ވަނީ ޕީޓާގެ ހަށިގަނޑު ފެނުނު އިރު އޭނާ މަރާލައި ކޮށައި ކުދިކޮށް ކޮތަޅަކަށް އެޅުމުގައި ބޭނުންކުރި ބައެއް އާލާތްތައް ވެސް އެ ސަރަހައްދުން ފެނިފައިވާ ކަމަށް ބުނެފައެވެ. ހެކި ނައްތައިލަން ގިނަ މަސައްކަތްތަކެއް ކޮށްފައި ހުރިކަމަށްވެސް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކަމުގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ ދެމީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ.

ފުލުހުން ބުނާ ގޮތުގައި، ޕީޓާ ގެއްލުނު ފަހުން އޭނާގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ މަދުވެފައެވެ.

ޕީޓާ އަކީ ތައިލެންޑުގައި ގެދޮރު ގަނެ ވިއްކުމުގެ ވިޔަފާރި ކުރާމީހެއް ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.