ފުލުހުންނަށް ފިލަން ފުރިޖަކަށް އެރުނު މީހަކު ތާށިވެ މަރުވެއްޖެއެވެ.
އެމެރިކާގެ މިނެސޯޓާގެ މީހަކު ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ފުލުހުން އޭނާ ހޯދަން އުޅުމުން ފިލުމަށް ގެއަކަށް ވަދެ އެގޭގައި ހުރި ފްރިޖަކަށް އެރި ފިލައިފައެވެ.
މިނެސޯޓާގެ ފުލުހުން އުމުރުން 34 އަހަރުގެ އެމީހާ ހައްޔަރުކުރުމަށް ހޯދަމުން ދިޔައީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުންނަށް ފިލަން އެމީހާ އެރުނު ފްރިޖު ހުރީ ޖައްސާފައި ކަމުން އޭނާ ފްރިޖަށް އެރި ދޮރު ލެއްޕުމުން އެތެރެއިން ދޮރު ނުހުޅުވުނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕޯސްޓް މޮޓަމްގެ ރިޕޯޓުން ވަނީ އޭނާ މަރުވުމުގައި އިތުރު އަނިޔާއެއް ވެފައި ނުވާކަމަށް ދައްކާފައެވެ. ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގުކުރަމުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވަނީ ބުނެފައެވެ.