އިސްލާމިކް މިނިސްޓްރީ

އިސްލާމްދީނަށް ފުރައްސާރަކުރުން ދަނީ އާންމު ވަމުން: އިސްލާމިކް މިނިސްޓްރީ

އިސްލާމްދީނަށް ފުރައްސާރަކޮށް މަލާމާތްކުރުމާއި، ރަސޫލު ބޭކަލުންގެ ޝަޚްޞު ހާމަކޮށް ކުޅެފައި ހުންނަ ފިލްމުތަކާއި ވީޑިއޯތަކާއި އޯޑިއޯތައް މި ފަހަކަށް އައިސް ފެތުރުން އާންމުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މާތްﷲގެ މަތިވެރި ޒާތުފުޅަށާއި، ރަސޫލު ބޭކަލުންގެ ޝަޚްޞު ހާމަކޮށް ހަދާފައިވާ ކާޓޫނުތަކާއި، ފޮތޯތައް ދެއްކުމާއި ހާމަކޮށް ފެތުރުމާއި، ރަހިމުގެ ގުޅުންތަކާއި އާއިލީ ގުޅުންތައް ކެނޑިގެން ހިނގައިދާނެ ފަދަ އަމަލުތައްކުރުން ވެސް ވަނީ އިތުރުވެފައެވެ.

ބަޔާނުގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި މި ކަންކަމުގެ ސަބަބުން ދިވެހީންގެ ޤައުމީ އެއްބައިވަންތަކަމާއި ދީނީ ވަހުދަތަށް ބުރޫއަރަ އެވެ. އަދި އިސްލާމްދީން ނޫން އެހެން ދީންތަކަށް އަޅުކަން ކުރުމަށް ހިތްވަރުދީ ބާރުއެޅިގެންވެސް ދެއެވެ. މިއީ އިސްލާމްދީނުގެ އަޤީދާ އާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނާ ވެސް ޚިލާފުކަމެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން މިފަދަ އަމަލުތަކުން ދުރުހެލިވުމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށް ނަސޭހަތްތެރި ވެފައެވެ.