ދިއްލީގައި ބޯކޮށް ވާރޭވެހި، ކޯރެއް ފުރި ބަންޑުންވެދާނެތީ އެލާޓް ނެރެފިއެވެ.
އިންޑިއާގެ ވެރިރަށް ދިއްލީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ސިޓީގައި ހުންނަ ޔަމުނާ ކޯރު ފުރި ބަންޑުން ވެދާނެކަމަށް އޮފިޝަލުން ވަނީ ލަފާކޮށްފައެވެ.
ދިއްލީ ސަރުކާރުގެ އޮފިޝަލުން ވިދާޅުވާގޮތުގައި، ޔަމުނާ ކޯރުގައި ފެން ހުރި މިން މިހާރު ވަނީ 205.33 މީޓަރަށް އުފުލިފައެވެ. އެ ކޯރުގެ ފެން ބޮޑުވެ ނުރައްކާ ހިސާބަކީ 205.50 މީޓަރު ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ކޯރު ބަންޑުން ވެދާނެކަމަށް ބެލެވޭތީ ދިއްލީ ސަރުކާރުން ވަނީ ބިން ތިރި ހިސާބުގައި ދިރިއުޅޭ ފަރާތްތަކަށް ފެން ބޮޑުވުމުގެ މައްސަލައާ ކުރިމަތިވާނެކަމަށް ބެލެވޭތީ ތައްޔާރީ ހާލަތަކަށް ދިއުމަށް އަންގާފައެވެ.
ޔަމުނާ ކޯރުގައި ފެން ބޮޑުވުން އިތުރުވެފައި ވަނީ ދިއްލީއާއި އަވަށްޓެރި ހަރިޔާނާ ސްޓޭޓަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސްޓޭޓުގް ފެން ބޮޑުވުން ކޮންޓްރޯލް ކުރުމަށް ހަރިޔާނާގައި ހުންނަ ފެން ބޭރުކުރާ ސިސްޓަމަކުން ޔަމްނާ ކޯރަށް ފެން ބޭރުކުރުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ދިއްލީ ސަރުކާރުން އެލާޓް ނެރުމާއެކު އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް އިން ވަނީ އެ ސަރަހައްދުގައި ޓީމުތައް ހަރަކާތްތެރިކުރުވާން ފަށާފައެވެ.
ދިއްލީ ސަރުކާރުން ލަފާ ކުރާ ގޮތުގައި ޔަމްނާ ކޯރުގެ ފެންގަނޑު ނުރައްކާ ލެވެލް އަކަށް އުފުލޭނީ އަންނަ އަންގާރަ ދުވަހުއެވެ.