ދުނިޔެ

ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އެޅުމަށް ތައްޔާރުވުން: އުތުރު ކޮރެއާއިން އެކަން ހުއްޓުވުމަށް ބޭރުގެ އެހީއަށް

މުހައްމަދު އައުޒަމް

ފުކުޝީމާއިން ނިއުކްލިއާ ފެން ކަނޑަށް އެޅުމަށް ތައްޔާރުވުމާއެކު އުތުރު ކޮރެއާއިން އެކަން ހުއްޓުވުމަށް ބޭރުގެ އެހީއަށް އެދެފިއެވެ.

އުތުރު ކޮރެއާގެ ލޭންޑް އެންޑް އެންވަޔަރަމަންޓް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ބައިނަލްއަގުވާމީ ފަރާތްތަކުން އެކަން ނުހުއްޓުވައި ބަލަން ތިބުން ހެޔޮނުވާނެ ކަމަށާއި ޖަޕާނުން އެ އުޅެނީ އިންސާނީ ނަސްލާ ދެކޮޅަށް ކޮރަޕްޝަން ބޭނުންކޮށްގެން ކަންކަން ކޮންޓްރޯލް ކުރަމުން ކަމަށެވެ.

އުތުުރު ކޮރެއާގެ ތިމާވެއްޓާ ބެހޭ ޑިޕާޓްމަންޓުން ވަރުގަދަ ބަޔާނެއް ނެރެފައިވާ އިރު، އދ. ގެ ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީން ވަނީ ޖަޕާނުން ކަނޑަށް ނިއުލްކިއާ ފެން އެޅުމަކީ އެއްވެސް މައްސަލައެއް އެކަމުގެ ސަބަބުން ފާހަގަވާ ކަމެއް ނޫން ކަމަށް ބުނެފައެވެ.

އަވަށްޓެރި ދެކުނު ކޮރެއާ އާއި ޗައިނާގެ އިތުރުން ޕެސިފިކް ރަށްތަކުންވެސް އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ތިމާވެށީގެ ކާރިސާއެއް އުފެދިދާނެކަމުގެ ބިރު އޮތީ ބޮޑުވެފައެވެ.

ޖަޕާނަށް 2011 ވަނަ އަހަރު އައި ބާރުގަދަ ބިން ހެލުމާއެކު ފުކުޝީމާ ނިއުކްލިއާ ޕަވާ ޕްލާންޓަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ސަބަބުން އެ ޕްލާންޓުގެ ނިއުކްލިއާ ރިއެކްޓަރުތައް ފިނިކުރުމަށް ފެން އުކާލުމަށް ނިންމާފައިވަނީ ޕެސިފިކް ކަނޑަށެވެ. ޖަޕާނުން ވަނީ މިލިއަނައަކަށްވުރެ ގިނަ މެޓްރިކް ޓަނުގެ ފެން އުކާލަން ނިންމާފައިވާ ކަމަށް ބުނެފައެވެ.