ބޮމެއް އޮތް ކަމަށް ބުނެ އަލަސްކާ ފްލައިޓެއް ޑައިވާޓް ކޮށްފިއެވެ.
އެމެރިކާގެ ސީޓެލް އަށް ދަތުރުކުރަމުން ދިޔަ އަލަސްކާ ފްލައިޓު ސްޕޯކޭން އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓް ކޮށްފައިވަނީ އެ ފްލައިޓުގައި ދަތުރުކުރި ފަސްޓް ކްލާސް ޕަސެންޖަރަކު ކެބިން ކުރޫ އާއި ހަވާލުކުރި ނޯޓެއްގައި ފްލައިޓު ގޮއްވާލާނެ ކަމަށް އިންޒާރު ދިނުމުންނެވެ.
އެފްބީއައި އިން ތަހުގީގު ފަށާފައިވާ އެ މައްސަލައިގައި ހިމެނޭ އެމީހާ ވަނީ އޭނާގެ ލަގެޖުގައި ބޮމެއް އޮތް ކަމަށާއި އޭނާގެ ހޭންޑް ބޭގްގައިވެސް ކުދި ބޮންތަކެއް ހުރިކަމަށް ބުނެފައެވެ. މީގެ އިތުރުން ލަގެޖުގައި އޮތް ދަބަހުގައި އޮތް ބޮމުގެ ރިމޯޓު އޭނާގެ އަތުގައި އޮތް ކަމަށާއި އޭނާ ބޭނުންވާ ކަންތައް ކޮށްނުދޭނަމަ މުޅި ފްލައިޓު ހުރިހާ އެންމެންނާއެކި ގޮއްވައިލާނެ ކަމަށް ވަނީ ލިޔެފައެވެ.
އޭނާގެ ލިޔުމުގައި ވަނީ ސީޓެލް އެއާޕޯޓުގައި ފްލައިޓު ލޭންޑު ކޮށްފިނަމަ އެފްލައިޓް ގޮއްވާލާނެ ކަމަށެވެ.
އިންޒާރު ލިބުމާއެކު ޕައިލެޓް ވަނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެ މައްސަލަ ގެނެސް ފްލައިޓުގެ ރޫޓު ބަދަލުކޮށް ސްޕޯކޭން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.
ފްލައިޓު ޖެއްސުމާއެކު އެމީހާ ވަނީ ހައްޔަރުކޮށްފައެވެ. އެފްބީއައިން ވަނީ އޭނާ އެ އިންޒާރު ދިނީ ފްލައިޓު ފުރަތަމަ ދާން އޮތް މަންޒިލަށް ދިޔަ ނަމަ އޭނާ މަރާލާން ބަޔަކު އެއާޕޯޓު ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާތީ ކަމަށް ބުނެފައެވެ.
ބޮން ސްކޮޑުން ވަނީ ފްލައިޓު ޖެއްސުމާއެކު ފްލައިޓު ޗެކުކޮށް އޭގައި ބޮމެއް ނެތް ކަން ޔަގީން ވާކަމަށް ބުނެފައެވެ.
ފްލައިޓު ގޮއްވާލަން މަސައްކަތް ކުރި މީހާ ހައްޔަރު ކޮށްގެން ތަހުގީގު ފަށާފައިވާއިރު އޭނާއަށް 5 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.