މުހައްމަދު އައުޒަމް
ވޭތުވެދިޔަ ލައްކައެއްހާ ދުވަހު ނުވާ ވަރަށް މިދިޔަ ހަފުތާގައި ދުނިޔެ ހޫނުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައިފިއެވެ.
ސައިންސްވެރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ހަފުތާގައި އެވްރެޖްކޮށް ހޫނުމިން އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށް ދައްކާފައިވެއެވެ. އެ މައުލޫމާތުން ހާމަވެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަސް ވެފައިވަނީ މުޅި ދުނިޔެ މިހާތަނަށް އެންމެ ހޫނުވި ދުވަސްކަމުގައެވެ.
ސައިންސްވެރިންގެ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ބުރާސްފަތި ދުވަހު ފިނިހޫނުމިން 17.23 ޑިގްރީ ސެލްސިއަސްއަށް ވަނީ އަރައިފައެވެެ. މިއީ މިހާތަނަށް ދުނިޔެ އެންމެ ހޫނު ވެފައިވާ ދުވަސް ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.
މީގެ ކުރިން އެންމެ ހޫނުވެފައިވާ ކަމަށް ރެކޯޑުވެފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެވްރެޖުކޮށް ތިން ފަހަރެއްގެ މަތިން ހޫނުމިން އިތުރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
އާންމުކޮށް ޖުލައި މަސް ވެފައިވަނީ ދުނިޔޭގެ ހޫނުމިން މަތި މަހެއްގެ ގޮތުގައެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހުގައި ހޫނުމިން އިތުރުވެފައި މިވަނީ މިހާރު އުފެދެމުންދާ އެލްނީނޯގެ ސަބަބުން ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށްފައެވެ. ސައިންސްވެރިން ވަނީ މިމަހުގެ އެހެން ދުވަސްތަކުގައިވެސް ހޫނުމިން އިތުރަށް މަތިވެގެންދާނެ ކަމަށް ލަފާކޮށްފައެވެ. މިކަމުގެ ސަބަބުން ދިރުންތަކަށް ސީދާ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށް ސައިންސްވެރިން ވަނީ ލަފާކޮށް، އެކަމަށް މުޅި ދުނިޔެ ތައްޔާރުވުމަށް އެދިފައެވެ.