އޯޝަންގޭޓްގެ ހުރިހާ އޮޕަރޭޝަންތައް ސަސްޕެންޑްކޮށްފިއެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު ފަސް މީހުންނާއެކު ޓައިޓޭނިކް ބަލަން ފީނި އޯޝަންގޭޓްގެ ކުޑަ ސަބްމެރިން ފުޑުފުޑުވެ ހިނގި ހާދިސާއަށްފަހު އެ ހާދިސާ ހިނގި ގޮތުގެ ބޮޑު ތަހުގީގެއް ވަނީ ފަށައިފައެވެ.
އެ ތަހުގީގުތަކާ ގުޅިގެން އޯޝަންގޭޓުން ވަނީ އެ ކުންފުނީގެ ހުރިހާ އޮޕަރޭޝަންތަކެއް ވަގުތީ ގޮތުން ހުއްޓާލާފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި އެ ކުންފުނިން ދޭ އެކްޕެޑިޝަންތައްވެސް ހިމެނެއެވެ.
ސަބްމެރިންގެ މައްސަލަ ތަހުގީގުކުރުމުގައި ހަކާތްތެރިވަނީ އެމެރިކާގެ ކޯސްޓްގާޑުގެ ހާއްސަ ޓީމަކުންނެވެ. އެ ޓީމުން ވަނީ އޯޝަންގޭޓުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައި އެހެން އޮޕަރޭޝަންތައްވެސް ހުއްޓާލުން އެއީ އިތުރު ހާދިސާއެއް ހިނގިޔަ ނުދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް ބުނެފައެވެ.
ކެނެޑާ އަދި އިނގިރޭސި ވިލާތުގެ މާހިރުންގެ އިތުރުން ފްރާންސުގެ ޓީމަކުންވެސް ވަނީ އެމެރިކާއާ ގުޅިގެން އެ ތަހުގީގުގައި ބައިވެރިވެފައެވެ. ތަހުގީގު ޓީމުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެ ސަބްމެރިންގެ ބައިތަކުގެ އިތުރުން އޭގެން ދަތުރުކުރި ބައެއް މީހުންގެ ހަށިގަނޑުގެ ބައިތައްވެސް ކަނޑުގެ އަޑިން ނަގައިފައެވެ.