ދުނިޔެ

ވިއެޓްނާމުގައި ''ބާބީ'' ދެއްކުން މަނާކޮށްފި

މުހައްމަދު އައުޒަމް

ވިއެޓްނާމުގައި ފިލްމު ''ބާބީ'' ދެއްކުން މަނާކޮށްފިއެވެ.

ވާނާ ބްރޯސް އިން އުފައްދާފައިވާ ފިލްމު ''ބާބީ''، ވިއެޓްނާމުގައި ޕްރިމިއާ ކުރަން ނިންމާފައި އޮތީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ނަމަވެސް އެ ފިލްމު ދެއްކުން މަނާކުރީ އެ ގައުމާއި ޗައިނާއާ ދެމެދު ޖެހިފައިވާ ދުވަސްވީ ކަނޑުގެ މައްސަލައަކާ ގުޅިގެންނެވެ.

އެގޮތުން އެ ފިލްމުގެ މަންޒަރެއްގައި ޗައިނާގެ ޗާޓު ދައްކާލާއިރު ޗައިނާ ކަނޑުގައި އެ ގައުމުން ފާހަގަޖަހާފައި ހުންނަ ރޮނގު ފެންނަން ހުރެއެވެ. ''ނައިން ޑޭޝް ލައިން'' ނަމުން މަޝްހޫރުވެފައިވާ އެ ލައިނަކީ ޗައިނާ ކަނޑުން ޗައިނާ ސަރަހައްދު ކަމަށް އެ ގައުމުން އަމިއްލައަށް ބަލައިގަންނަ ސަރަހައްދު ފާހަގަކުރާ ލައިނެކެވެ.

ވިއެޓްނާމުން ބުނާ ގޮތުގައި ލައިން ހިމެނޭ ސަރަހައްދަކީ އެ ގައުމުގެ ބައެކެވެ.