ދުނިޔެ

މޯލްޑޯވާގެ އެއާޕޯޓެއްގައި ބަޑިޖަހައި ދެ މީހުން މަރާލައިފި

މުހައްމަދު އައުޒަމް

މޯލްޑޯވާގެ އެއާޕޯޓެއްގައި ބަޑިޖަހައި ދެ މީހުން މަރާލައިފިއެވެ.

މޯލްޑޯވާގެ ފުލުހުން ވަނީ އެގައުމުގެ ޗިސިނައޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަޑިޖެހި މީހާ ހައްޔަރުކޮށްފައެވެ.

އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ބަޑިޖެހުމުގެ ހާދިސާ ހިނގަން މެދުވެރިވީ އެއެއާޕޯޓަށް އެތެރެވާން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ. އެހަމަލާގައި މަރުވެފައިވަނީ ބޯޑާ ގާޑުންގެ ދެ މީހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ޗިސިނައޫ އިންޓަނޭޝަނަލް އެއާޕޯޓަކީ މޯލްޑޯވާގެ އެންމެ ބޮޑު އެއާޕޯޓެވެ. ހާދިސާ ހިނގުމާއެކު އެ އެއާޕޯޓު ވަނީ ބަންދުކޮށް އެއާޕޯޓުން މީހުން ހުސްކޮށްފައެވެ.

ބައެއް ރިޕޯޓުތަކުން ވަނީ ހަމަލާ ދީފައިވަނީ ރަޝިޔާއަށް ނިސްބަތްވާ މީހެއް ކަމަށް ބުނެފައެވެ. އެމީހާ ވަނީ އެ އެއާޕޯޓުގެ ބައެއް މީހުން ރަހީނުންގެ ގޮތުގައިވެސް ބޭނުންކޮށްފައެވެ.

މޯލްޑޯވާގެ ސަރުކާރުން ވަނީ އެހާދިސާ ހިނގި ގޮތް ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.