އެންޓި ކޮރަޕްޝަން ކޮމިޝަން

އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކަށް ފާރަވެރިވުމަށް އޭސީސީން ފުލުހުންގެ އެހީއަށް އެދިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

1

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެކިއެކި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ފާރަވެރިވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފުލުހުންގެ އެހީއަށް އެދިއްޖެއެވެ.

އޭސީސީން މިއަދު ބުނީ އިންތިހާބާ ގުޅިގެން އެކިއެކި ފަރާތްތަކުން ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅަމުންދާ ކަމުގެ ޝަކުވާތައް އެކޮމިޝަނަށް ލިބެމުންދާ ކަމަށެވެ.

އަދި އިންތިހާބާ ގުޅިގެން ހިންގައިފާނެ ކޮރަޕްޝަންގެ އަމަލަކަށް ފާރަވެރިވުމުގެ ގޮތުންނާއި ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އެ ކޮމިޝަނުން ފުޅާ ދާއިރާއެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށް ބުނެފައިވެއެވެ.

އަދި އިންތިހާބާ ގުޅިގެން ހިނގާ ރިޝްވަތުގެ މައްސަލަތައް ހުއްޓުވުމަށާއި އެކަމަށް ހާއްސަގޮތެއްގައި ފާރަވެރިވުމަށް އޭސީސީން ވަނީ ފުލުހުންގެ އެހީއަށް އެދިފައެވެ.

އޭސީސީން ވަނީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕެއިން ކުރާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގަން އުޅޭކަން ނުވަތަ ހިންގައިފިކަން އެނގިއްޖެނަމަ ލަސްނުކޮށް އެކޮމިޝަނަށް ރިޕޯޓްކުރުމަށް އެދިފައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނުނުގެ 74 ވަނަ ނަމްބަރުގެ 11 ގެ ހ. ގެ ދަށުން އެއްވެސް އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއް ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ވިޔަސް އެއްވެސް އެއްޗެއް ދިނުމަކީ ރިޝްވަތުގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.

އަދި ކެމްޕެއިން ކުރާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާއި ދައުލަތުގެ މުދަލާއި ތަކެތި ބޭނުން ކުރުމާއި ދައުލަތަށް ފައިދާވާން އޮތް ކަމެއް އެހެން ގޮތަކަށް ބަދަލުކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމަށް ބުނެފައިވެއެވެ.

އަދި ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާގޮތުން އެއްވެސް ފަރުދަކު އެއްވެސް ކަމެއް ނުކުރުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟