މީހެއްގެ ކަންފަތުފޫޅުގައި ދަތް އެޅި އިންޑިއާ މީހަކު ފަސް މަހަށް ޖަލަށް ލައިފިއެވެ.
ސިންގަޕޫރުގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ މަނޯހާ ސަންކަރް ނަމަކަށް ކިޔާ އެ މީހާ، ފަސް މަހަށް ޖަލަށް ލުމުގެ އިތުރުން 1000 ސިންގަޕޫރު ޑޮލަރުން ޖޫރިމަނާކޮށްފައިވާ އިރު، ކޯޓުން ބުނި ގޮތުގައި އޭނާއަށް ކުޑަ އަދަބެއް ދީފައިވަނީ މަސްތުވެގެން ހުރެ އެ ކުށް ކުރުމުންނެވެ.
އެގޮތުން އޭނާ ބުއްދިސަލާމަތުން ހުރެ ކުރި ކުށެއް ނަމަ 10 އަހަރުގެ ޖަލުގެ ހުކުމެއް އަންނާނެ ކަމަށް ކޯޓުން ބުންޏެވެ.
މަނޯހާ ވަނީ މަސްތުވެގެން ހުރެ އޭނާގެ އެކުވެރިޔަކާ ކުރި ޒުވާބެއްގެ ތެރެއިން މާރާމާރީ ހިންގައި އެ މީހާގެ ކަންފަތުފޫޅުގައި ދަތް އަޅައި ބުރިކޮށްލައިފައެވެ. އެ ހާދިސާގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން އިރު، ޑޮކްޓަރުން ވަނީ އޭނާގެ ކަންފަތް ފަހައި ބޭސް އަޅައިފައެވެ.