ދުނިޔެ

މަރުވެފައިވާ އެތައްހާސް މަސް ތައިލެންޑުގެ ބީޗަކަށް ލައްގައިފި

މުހައްމަދު އައުޒަމް

ތައިލެންޑުގެ ބީޗަކަށް މަރުވެފައިވާ ގިނަ އަދަދެއްގެ މަސް ލައްގައިފިއެވެ.

ތައިލެންޑުގެ ދެކުނު ޗުމްޕޮން ޕްރޮވިންސްގެ ބީޗުން 4 ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ މަރުވެފައިވާ މަހުން ފުރިފައެވެ. އެތަކެއް ހާސް މަސް ލައްގާފައިވާއިރު މަސްތައް ކުނިވެ އެ ސަރަހައްދުގެ ވަސް ވަނީ ނުބައިވެފައެވެ.

ތަޖުރިބާކާރުން ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމަށް ބެލެވޭކަމަށް ބުނެފައެވެ. ތައިލެންޑުގެ ކަސެޓްސާޓް ޔުނިވަސިޓީގެ ފެކަލްޓީ އޮފް ފިޝަރީސްގެ އޮފިޝަލުން ވަނީ މަރުވެފައިވާ މަސްތަކެއް ލެއްގުމުން އެކަން ދިރާސާ ކޮށްފައެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި، އެ އެސަރަހައްދު މޫދުގައި އާދަޔާ ހިލާފަށް ޕްލެންކްޓަން ގިނަވެފައިވެއެވެ.

އޮފިޝަލުން ވަނީ ޕްލެންކްޓަން ގިނަވުމާގުޅިގެން މޫދުގެ އޮކްސިޖަން ލެވެލް ދަށްވެ އެހެން ދިރުންތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށް ފާހަގަކުރައްވައިފައެވެ.

ޗުމްޕޮން ޕްރޮވިންސްގެ ސަރުކާރުގެ އިސްފަރާތަކާ ހަވާލާދީ އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފައިވާގޮތުން ކޮންމެ އަހަރަކުވެސް ދެ ފަހަރެއްގެ މަތިން މިފަދަ ހާދިސާ ހިނގަމުންދެއެވެ.

އެ ޕްރޮވިންސުގެ ބީޗަށް ދިމާވާ އަސްލު މައްސަލަ ދިރާސާކުރުމަށް މޫދުން ސާޕްމަލް ނަގައި ކަމާބެހޭ އިދާރާތަކުން ވަނީ މަސައްކަތް ފަށާފައެވެ.