އިމިގްރޭޝަން

އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން ގަން އެއާޕޯޓުން އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިފި

އަލަށް ވަޒީފާއަށް ގެންނަ ބިދޭސީންނަށް މިއަދުން ފެށިގެން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ރާއްޖެއަށް އަލަށް ވަޒީފާއަށް ގެންނަ ބިދޭސީން މީގެ ކުރިން ރާއްޖެއަށް އެތެރެވެވެނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެހެންކަމުން މިއީ ރާއްޖެއަށް އަލަށް ވަޒީފާއަށް އަންނަ ބިދޭސީން އެހެން އެއާޕޯޓަކުން ރާއްޖެ އެތެރެކުރެވޭ ފުރަތަމަ ފަހަރެވެ. ނަމަވެސް ވޯކް ވިސާ ލިބިފައިވާ ފަރާތްތަކަށް ރާއްޖެއިން ފުރުމާއި އެތެރެވުމުގެ އިންތިޒާމު މީގެ ކުރީން ވެސް އެހެން އެއާޕޯޓުތަކުން ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ގަން އެއާޕޯޓުން އަލަށް ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެއަށް އެތެރެވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަކީ އައްޑޫގެ ވިޔަފާރިވެރީންނާއި އާންމު ރައްޔިތުން ޒަމާނުއްސުރެ އެދިއެދި ތިބި ކަމެއް ކަމަށާއި އަލަށް ވަޒީފާއަށް އަންނަ ބިދޭސީން ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރެވެވޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުން އައްޑޫގެ ރައްޔިތުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ބިދޭސީ މަސައްކަތްތެރީން އައްޑުއަށް ގެނައުމަށް ޓިކެޓުގެ ހަރަދާއި މާލޭގައި މަޑުކުރަން ޖެހިއްޖެ ނަމަ، ގެސްޓް ހައުސްއަށާއި ކެއުމަށް ހިނގާ ހަރަދު ހިމެނޭ ކަމަށާއި އަދި އެކަމުގެ ސަބަބުން މާލީ ދަތިތަކާއި ކުރިމަތިވަމުން ދިއުމާ ގުޅިގެން އައްޑޫގެ ރައްޔިތުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަނުގެ މަގުސަދަކީ ހިދުމަތްތައް ރައްޔިތުން ގަބޫލުކުރާ ފެންވަރަށް ގެނައުމާއި ލުއިފަސޭހަ ގޮތަކަށް ހިދުމަތްތައް ދެވޭނެ ގޮތް ހެދުން ކަމަށާއި އެގޮތުން ކުރިއަށްއޮތްތާނގައި ވެސް ރައްޔިތުންނަށް ފަސޭހަ ހިދުމަތްތަކެއް ލިބޭނެ ކަންކަން ތައާރަފުކޮށް ހިދުމަތްތައް ފުޅާކުރެވިގެންދާނެ ކަމަށެވެ.