ދުނިޔެ

ގްރީސް ކައިރިން ބަންޑުން ޖަހާލި ބޯޓުން މަރުވި މީހުންގެ އަދަދު 78 އަށް އަރައިފި

މުހައްމަދު އައުޒަމް

ގްރީސް ކައިރިން ބަންޑުން ޖަހާލި ބޯޓުން މަރުވި މީހުންގެ އަދަދު 78 އަށް އަރައިފިއެވެ.

ގަވައިދާ ހިލާފަށް ހިޖުރަކުރުމަށް ދަތުރުކުރި އެ ބޯޓު ބަންޑުން ޖަހާލި އިރު، ބޯޓުގައި ތިބީ ކިހާ އަދަދެއްގެ ބަޔަކު ކަމެއްވެސް ދެނެގަނެވިފައެއް ނުވެއެވެ.

ބޯޓު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން ގްރީސްގެ ފުލުހުން ވަނީ މިހާތަނަށް ނުވަ މީހުން އިންސާނީ ވަގުފާރި ކުރުމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.

މީހުން ސަލާމަތް ކުރާ ފަރާތްތަކުން ބޯޓު ބަންޑުން ޖަހާލި ސަރަހައްދުގައި ހަރަކާތްތެރިވާ އިރު، މިހާތަނަށް 104 މީހުން ސަލާމަތްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ތިރީސް ވަރަކަށް ފޫޓުގެ އެ ބޯޓުގައި 700 އަށްވުރެ ގިނަ މީހުން ދަތުރުކުރި ކަމަށް ބެލެވެއެވެ. ބޯޓު ބަންޑުން ޖަހާލި އިރު، އޭގެ ވަތުގައި 100 އަށްވުރެ ގިނަ ކުޑަކުދިންތައް ތިބި ކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ލީބިއާއިން ޔޫރަޕަށް ގަވާއިދާ ހިލާފަށް ހިޖުރަކުރާ ބަޔަކު ގޮވައިގެން ދަތުރު ކުރި އެ ބޯޓު ބަންޑުން ޖަހާލާފައިވަނީ ގްރީސްގެ ހުޅަނގު ދެކުނުން 50 ނޯޓިކަލް ބޭރުންނެވެ.