އެތުލެޓިކްސް

އިންޑިއާގެ ސްޓޭޓް މުބާރާތުގައި ޒިވާ، 400 މީޓަރު ޖޫނިއާ ގައުމީ ރެކޯޑު މުގުރާލައިފި

މި މަހުގެ 15-18 އަށް އިންޑިއާގެ ބުބަނޭޝްވަރުގައި ކުރިއަށްދާ އިންޑިއާގެ 62 ވަނަ ނެޝަނަލް އިންޓަ ސްޓޭޓް ސީނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއްޖޭގެ ޒިވާ މޫސާ ޝަފީއު، ގައުމީ ޖޫނިއާ 400 މީޓަރުގެ ރެކޯޑު މުގުރާލައިފިއެވެ.

އިންޑިއާގައި އިއްޔެ ފެށި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ދުވުންތެރިންނަކީ ޒިވާގެ އިތުރުން ހަސަން ސާއިދު، އަހުމަދު ނަޖުދާން އަބްދުﷲ، ހުސެއިން ރިޒާ އަދި ހުސެއިން ފަޒީލް ހާރޫނެވެ. އެ ދުވުންތެރިންނަކީ މިހާރުވެސް އިންޑިއާގައި ތަމްރީނު ހަދަމުން އަންނަ ދުވުންތެރިންނެވެ. އިންޑިއާގައި ދުވުންތެރިން ތަމްރީނު ހަދަމުން އަންނަނީ ކުރިއަށް އޮތް އައިއޯއައިޖީގެ ނަތީޖާވެސް ރަނގަޅު ކުރުމަށް ވިސްނައިގެންނެވެ. އެ ހުރިހާ އެތުލީޓުންނަކީވެސް އައިއޯއައިޖީއަށް އެތުލެޓިކްސްއިން އިއުލާނުކުރި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނެވެ.

އަންހެން 400 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގައި ޒިވާ މިއަދު ދުވީ ހީޓް ހަތަރެއްގައެވެ. ޒުވާން އެތުލީޓް ޒިވާ ހީޓްގެ ހަތް ވަނައިގައި ނިންމާލި ނަމަވެސް، އޭނާ ނިންމީ ރަނގަޅު ޓައިމިންއެއްގައެވެ. މިއަދުގެ ރޭސް ޒިވާ 58.86 ސިކުންތުން ނިންމައި ރެކޯޑު ހެދިއިރު، އޭނާ މުގުރާލީ އައިޝަތު ހިމްނާ ހަސަން އަތުގައި އޮތް ރެކޯޑެކެވެ.

ރާއްޖޭގެ އަންހެން އެންމެ ބާރު ދުވުންތެރިޔާ ހިމްނާ ޖޫނިއާ 400 މީޓަރު ރެކޯޑު ކުރިން ހަދާފައި އޮތީ 2019 ވަނަ އަހަރުގެ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕްގައެވެ. ހިމްނާ އޭރު ރެކޯޑު ހެދީ 59.18 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަދު އިތުރު ބައެއް އިވެންޓްތަކުގައިވެސް ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވާ އިރު، ދާދިފަހުން އިންޑިއަން ގްރޯން ޕްރީގައި ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު ފިރިހެން 100 މީޓަރުގެ ހީޓް ދޭއްގައި ދުވެ ރޭސް ނިންމީ ތިންވަނައިގައެވެ. އެއީ 10.70 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. އޭނާގެ ކުރިން ނިންމި މަހާރާސްތާ ސްޓޭޓްގެ ސައުރާބް ރަޖޭޝް ނައިތަމް ރޭސް ނިންމީ 10.68 ސިކުންތުންނެވެ. ހީޓްގެ އެއްވަނަ ހޯދި ޓަމިލް ނާޑޫގެ އެލައްކިޔާދަސާން ރޭސް ނިންމީ 10.65 ސިކުންތުންނެވެ.

އޭގެ އިތުރުން ރާއްޖޭގެ ދުވުންތެރިޔާ ހުސައިން ރިޒާ 800 މީޓަރު ހީޓް ތިނެއްގައި ވާދަކޮށްފައިވާ އިރު، އޭނާ ރޭސް ނިންމީ ނުވަ ވަނައިގައި އެއް މިނެޓް، 55.77 ސިކުންތުންނެވެ.