މުހައްމަދު އައުޒަމް
ކައިވެނި ހަފުލާއެއް ނިންމާލުމަށްފަހު އާއިލާތައް ދަތުރުކުރި ބޯޓު ބަންޑުންޖަހާލައި 100 މީހުން މަރުވެއްޖެއެވެ.
ނައިޖީރިއާގެ ކަވަރާ ސްޓޭޓްގެ ކޯރެއްގައި ދަތުރުކުރި އެ ބޯޓުން 300 ވަރަކަށް މީހުން ދަތުރުކުރިކަމަށް އެގައުމުގެ އޮފިޝަލުން ލަފާ ކުރެއެވެ.
ބޯޓުން ދަތުރު ކުރި މީހުންގެ ތެރެއިން 100 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ގެއްލިގެން ހޯދަމުން ދެއެވެ. މިއާއެކު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ބޯޓު ބަންޑުންޖަހާލާފައި ވަނީ އަރިއަޅާލައި ބޯޓު ތެރޭ ފެންބޮޑުވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ކައިވެނި ހަފުލާ ނިންމާލައި އެހެން ސަރަހައްދުތަކަށް ދާމީހުން ދަތުރު ކުރި ބޯޓު ބަންޑުން ޖަހާލައި ބޮޑު ގިނަ ބަޔަކު މަރުވެފައިވާއިރު އެގައުމުގެ ރައީސް ވަނީ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވައިފައެވެ.
މި ކަން ތަހުގީގު ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.