ދުނިޔެ

އިންޑިއާގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ މައުލޫމާތު ލީކުކޮށްލައިފި

މުހައްމަދު އައުޒަމް

އިންޑިއާގައި ކޮވިޑް ވެކްސިން ޖެހި މީހުންގެ މައުލޫމާތު ލީކުކޮށްލައިފިއެވެ.

ޓެލެގްރާމްގެ ބޮޓެއް ބޭނުންކޮށް އިންޑިއާގެ ކޮވިޑް ވެކްސިން ޑޭޓާ ބޭސް "ކޮވިން" ހެކްކޮށް އޭގައި ހުރި އެތައް މިލިއަން މީހުންގެ މައުލޫމާތު ލީކުވެފައިވާކަމަށް ވަނީ ބެލެވިފައެވެ. އިންޑިއާގެ އާންމުންގެ އިތުރުން ސިޔާސީ ބައެއް މީހުންގެ މައުލޫމާތު ވެސް ލީކުކޮށްފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

އިންޑިއާގެ މިނިސްޓަ އޮފް އިލެކްޓްރޯނިކްސް އެންޑް ޓެކްނޮލޮޖީ ރަޖީވް ޗަންދަރަސޭކަރް ވެސް ވަނީ "ކޮވިން" ޑޭޓާބޭސް ލީކުވެފައިވާކަން ޔަގީންވާކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފައެވެ. މިނިސްޓަރު ވަނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ފަށާފައިވާކަމަށް ވިދާޅުވެފައެވެ.

އިންޑިއާގެ "ކޮވިން" ޑޭޓާބޭސް ލީކުވެފައިވާކަން ޔަގީން މިނިސްޓަރު ޔަގީންކޮށްދެއްވި ނަމަވެސް، އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

2021 ވަނަ އަހަރުގެ ޖޫން މަހުގައިވެސް ކޮވިން ޕޯޓަލް ހެކުކޮށް އެތައް މިލިއަން ބައެއްގެ މައުލޫމާތު ލީކުވެފައިވެއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ.