އެމްއެންޑީއެފް

ޕޭސަސް މުބާރާތުން އެމްއެންޑީއެފްއަށް ރިހި މެޑަލް

ޕާކިސްތާނުގެ އަސްކަރިއްޔާއިން އިންތިޒާމްކޮށްގެން އެ ގައުމުގައި ބާއްވަމުންގެންދާ "އިންޓަނޭޝަނަލް ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް (ޕޭސަސް) ކޮމްޕެޓިޝަން 2018" މުބާރާތުގައި ބައިވެރިވި ދިވެހި ރާއްޖޭގެ އެމްއެންޑީއެފްގެ ޕޭސަސް ޓީމުން އެ މުބާރާތުން ރިހި މެޑަލް ހޯދައިފިއެވެ.

މި ލިބުނު ކާމިޔާބީއާއެކީ އެމްއެންޑީއެފް ޓީމް މިއަދު ރާއްޖެ އައުމުން އެ ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދެވެ.

19 ޤައުމަކުން ބައިވެރިވެ، ބޮޑެތި އަސްކަރިއްޔާތަކާ ވާދަކޮށްގެން ރާއްޖެއަށް ލިބުނު ފަހުރުވެރި ވަނައަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމް ވަނީ މަރުހަބާ ދަންނަވައި ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން ކަޅުތުއްކަލާ ކޮށީގައި ވެސް ވަނީ ޓީމަށް މަރުހަބާ ކިޔުމަށް ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސީނިއާ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވި މި ހަފުލާގައި، އެ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި ޖެނެރަލް އޮފިސަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެ ހަފުލާގައި ކޭކެއް ވަނީ ފަޅައިފައެވެ.

މިމަހުގެ 8 އިން 14 ގެ ނިޔަލަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދިޔަ އެ މުބާރާތުގެ އެއް އިވެންޓް ކަމުގައިވާ މިނީ މެރަތަންއިން ކޯޕްރަލް ހުސައިން ފަޒީލް ހާރޫން ވަނީ ތިންވަނަ ހޯދައިފައެވެ.

ނުވަ ސިފައިންގެ ޓީމަކާއެކީ ބައިވެރިވި މި މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓްއަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ހިމެނުނު އިރު، ފަޔަރިންގއާ އެކު ކުރިއަށްދިޔަ ކޮމްބެޓް އެފިޝެންސީ ޓެސްޓް (ސީއީޓީ) އާއެކު ގިނަ ފިޒިކަލް ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

"އިންޓަނޭޝަނަލް ޕާކިސްތާން އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓް އެފިޝެންސީ ސިސްޓަމް" (ޕޭސަސް) ކޮމްޕެޓިޝަން އަކީ ސަރަހައްދީ ގައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް މޮޑާން ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ވިލަރެސްކުރީ ޕާކިސްތާނު އާމީން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމެކެވެ.

އެމްއެންޑީއެފްގެ ޕޭސަސް ޓީމު ވަނީ އެ މުބާރާތުގައި 2016 ވަނަ އަހަރު ވެސް ބައިވެރިވެ، އިންޑިވިޖުއަލް ކާމިޔާބީތަކެއް ހޯދައިފައެވެ. އަދި މިއީ މި މުބާރާތުގައި ސިފައިންގެ ޓީމު ވާދަކުރި ދެވަނަ ފަހަރެވެ.