އެމެރިކާގެ މަސްވެރިޔަކު އާވައްތަރެއްގެ ވެނެއް ބާނައިފިއެވެ.
އެމެރިކާގެ ނިއުޔޯކްގެ ހަޑްސަން ވެލީ ގައި މަސްބޭނުމުގައި ހަރަކާތްތެރިވި އެރިކް އޮސިންކީ ނަމަކަށް ކިޔާ އެ މަސްވެރިޔާ ވަނީ އޭނާ އެވެން ބޭނި ގޮތް ކިޔާދީފައެވެ.
އެރިކް ބުނިގޮތުގައި އެއީ، އޭނާ އާދައިގެ މަތިން މަސްބޭނުމަށް ދާ ސަރަހައްދަށް ގޮސް މަސްބޭނުމުގެ ތެރޭގައި އޭނާއަށް ބޭނުނު ވެނެކެވެ. ނަމަވެސް އެ ވެން ނަގައި އެއްގަމަށް ގެންދިޔަ ފަހުން އެއީ ކުރިން ފެނިފައި ނުވާ ބާވަތެއްގެ ވެނެއްކަމަށް އެރިކް އަށް ޔަގީންވިއެވެ.
އެރިކް ވަނީ އޭނާ ބޭނި ވެނުގެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ދިގުމިނުގައި ދެ ފޫޓު ހުރި އެ ވެނުގެ އަނގަ ހުންނަނީ އާދަޔާހިލާފަށް ބިރުވެރި ގޮތަކަށެވެ.
އެރިކް ފޭސްބުކަށް އެ ވެނުގެ ފޮޓޯ ލުމާއެކު އެތައްބަޔަކު ވަނީ އެ ޝެއާ ކޮށްފައެވެ. ބައެއް މީހުންގެ ކޮމެންޓުގައި އެއީ އޭލިއަން އެއް ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް ކޮންވަޒޭޝަން އިން ވަނީ އެއީ ޕެރަސިޓިކް އާއިލާގެ އެއްޗެއް ކަމަށް ބުނެފައެވެ.