އިތިއޯޕިއާގެ ކެބިނެޓުގެ ދެބައިކުޅަ އެއްބަޔަކީ އަންހެން ބޭފުޅުންކަމަށް ބޮޑުވަޒީރު އަބިއްޔީ އަހްމަދު ކަނޑައަޅުއްވައިފި އެވެ.
އިތިއޯޕިއާގެ މަޖިލީހުގައި ވާހަަކަ ދައްކަމުން އަބިއްޔީ ވިދާޅުވީ އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ކޮރަޕްޝަންގެ މައްސަލަތައް މަދުބައެކެވެ. އަދި މިއީ ޤައުމަށް ހަމަޖެހުން ލިބުމާއި އަމާންކަން ލިބޭނެ ކަމެއްކަމަށް އަބިއްޔީ ވިދާޅުވިއެވެ.
އަބިއްޔީ ވަނީ ދައުލަތުގެ އެންމެ ބޮޑެތި މަގާމް ތަކަށް ވެސް އަންހެން ބޭފުޅުން އައްޔަންކުރައްވަން އިސްކަން ދެއްވައިފައެވެ. އެގޮތުން ޑިފެންސް މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ޕީސް އަށް ވެސް އައްޔަން ކުރެއްވީ އަންހެން ބޭފުޅުންނެވެ.
އިތިއޯޕިއާގެ ޕީސް މިނިސްޓަރަކީ އެގައުމުގެ އެންމެ ބާރުގަދަ މިނިސްޓްރީއެވެ. އެޤައުމުގެ ސެކިއުރިޓީ އާއި އިންޓެލިޖެންސް ގެ މަސައްކަތްތަކުގެ އިތުރުން ފުލުހުންގެ މުއައްސަސާ އަކީ ވެސް މިނިސްޓްރީ އޮފް ޕީސް ގެ ބެލުމުގެ ދަށުން ހިންގާ ތަންތަނެވެ.
މިދިޔަ އޭޕްރިލް މަހުން ފެށިގެން މަގާމުގެ މަސްއޫލިޔަތު ފުރިހަމަ ކުރައްވަމުން ގެންދަވާ އަބިއްޔީ ވަނީ އިތިއޯޕިއާ ދައުލަތުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. ޚަރަދު ކުޑަކުރުމުގެ ގޮތުން އަބިއްޔީ ވަނީ ދައުލަތުގެ މިނިސްޓަރުންގެ އަދަދު 28 އިން 20 އަށް ދަށްކޮށްފައެވެ.
އިތިއޯޕިއާގެ ކުރީގެ ބޮޑުވަޒީރުގެ ކުއްލި އިސްތިއުފާއާ އެކު މަގާމާއި ހަވާލުވެވަޑައިގެންނެވި އަބިއްޔީ އަށް ވަނީ ގައުމު ހަމަމަގަށް އެޅުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައެވެ.