މިދިޔަ ސަރުކާރުން ތަރައްގީކުރި ދަރުމަވަންތަ ހޮސްޕިޓަލަށް ގަނެފައި ހުރީ ކުރީގެ މެޝިންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ފަލާހުގެ ކެމްޕޭން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހެދި ފަރާތާ ބައްދަލުވެގެން އެހާ ބޮޑު ހަރަދެއްކޮށްގެން ކިހިނެއް ހަދާފައި ހުރި ތަނެއްތޯ ސުވާލު ކޮށްފައިވާނެ ކަމަށާއި މިއުޅެނީ އަނެއްކާވެސް އެތަން ބަދަލުކުރަން ޖެހިގެން ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. އަދި އެތަނަށް މެޝިންތައް ގަތުމަށް 80 މިލިއަން ޑޮލަރުގެ ބަޖެޓެއް ނެގި ނަމަވެސް، މިހާރު ގަނެފައިވާ މެޝިންތަކަށް އަރާނީ 23 މިލިއަން ޑޮލަރު ކަމަށް ހޮސްޕިޓަލް ހެދި ފަރާތުން މައުލޫމާތުދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިއީ މާ ކުރީ ޒަމާނެއްގެ މޮޑެލްއެއް. ހެދި މީހުން ބުނަނީ މިއޭ ވެގެން އުޅޭ ގޮތަކީ. ތިމަންނަމެން އެތަނަށް ޑިޒައިންކޮށްފައި ހުރި އެއްޗެއްސެއް ނޫނޭ އެތަނަށް ގެނެސްފައި ހުރީ. މިހާރު ގެނެސްފައި ހުރި އެއްޗެއްސަށް އަރާނީ 23 މިލިއަން ޑޮލަރޭ. މީގެން ވެސް އަނެއްކާ ބޮޑު ވައްކަމެއް ކޮށްފި. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ، ކުރިމަތިން އެ ވައްކަމުގެ ބިނާއެއް އެ ފެންނަނީ. ދާއިމަށް އަޅުގަނޑުމެންނަށް މިދިޔަ ވެރިކަން ހަނދާނުގައި ދެމިހުންނާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައުމަށް ނިންމާފައިވަނީ ވަކި ވައްތަރެއްގެ އިކުއިޕްމަންޓް ކަމަށް އެތަން ހެދި ފަރާތުން ބުނާ ކަމަށާއި ނަމަވެސް އެ އެއްޗެހި ގެނައުމަށް ހަވާލުކޮށްފައިވަނީ އެހެން ކުންފުންޏަކާ ކަމަށެވެ.