ސިވިލް ކޯޓް

ރައީސް ޔާމީންގެ އަބުރާ ބެހުނު މައްސަލައިގައި ރާއްޖެ ޓީވީ އެއްމިލިއަނުން ޖޫރިމަނާކުރީ ރަނގަޅަށް ކަމަށް ހުކުމްކޮށްފި

1

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަބުރާ ބެހުނު މައްސަލައިގައި، ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމީ، 26 އޮކްޓޯބަރު 2016، ދުވަހުގެ ރޭ އެ ޓީވީން ދެއްކި އެމްޔޫއޯގެ ހަރުގެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގައި އެއް މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމީ 06 އޭޕްރީލް 2017ގަ އެވެ. އެއީ އެ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލަ އެކެވެ.

ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމާ ގުޅިގެން އެއީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޖޫރިމަނާ ކުރުމުގެ އުސޫލާ ހިލާފަށް ބްރޯޑްކޮމް އިން ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރާއްޖެ ޓީވީން ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، 26 އޮކްޓޫބަރު 2016ގައި ރާއްޖެ ޓީވީން ގެނަސްދީފައިވާ ކޮންޓެންޓް، ގެނަސްދިނީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުއާ ހިލާފަށް ކަމަށްބުނެ 6 އޭޕްރީލް 2017 ގައި ބްރޯޑްކޮމް އިން، ރާއްޖެ ޓީވީ އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ.

އެހެންކަމުން ރާއްޖެ ޓީވީ ޖޫރިމަނާކުރުމަށް ބްރޯޑް ކޮމް އިން ނިންމާފައިވާ އެ ނިންމުމަކީ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަނދާފައިވާ ޖޫރިމަނާ ކުރުމުގެ އުސޫލާ ހިލާފަށް ކޮށްފައިވާކަމެއް ކަން ރާއްޖެޓިވީން އެދިފައިވާގޮތަށް ކަނޑައަޅައިދެވެން ނެތް ކަމަށްވެސްް ހުކުމްގައިވެއެވެ.

އެފަހަރު ރާއްޖެ ޓީވީ ޖޫރިމަނާކޮށް 30 ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ބްރޯޑް ކޮމް އިން އެނގުމުން ރާއްޖެ ޓީވީން ވަނީ އެ ފައިސާ ދައްކައިފައެވެ.

އޭރު އަމަލު ކުރަމުންދިޔަ އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނާ ހިލާފް ވެގެން އެކި ފަހަރުމަތިން ރާއްޖެ ޓީވީ ވަނީ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟