ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާގައި މަރުވި މީހެއްގެ ހަށިގަނޑާއެކު އާއިލާއިން ފިލައިފިއެވެ.
އެބޯލާ ޖެހިގެން ފަރުވާދެމުން ދަނިކޮށް މަރުވި އެ އަންހެން މީހާގެ މަރުގެ ހަބަރު އާއިލާއަށް ދިނުމުން އާއިލާއާ ހަވާލު ކުރުމަށް އެދުނެވެ. އާއިލާއިން އެދުނީ އެމީހުންގެ ސަގާފަތުގައި އޮންނަ ގޮތަށް މަރުވި މީހާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް އާއިލާއިން ބޭނުންވާ ކަމަށް އޮފިޝަލުން ގާތު ބުނެފައެވެ. ނަމަވެސް އޮފިޝަލުން ވަނީ އެމީހާގެ ހަށިގަނޑުގައި އެބޯލާގެ އަސަރު ހުންނާނެތީ ހަށިގަނޑު ހަވާލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ކޮންގޯގެ އެބޯލާ ރެސްޕޮންސް އޮފިޝަލުން ވަނީ ޝަރުތުތަކާއެކު އާއިލާއަށް ހަށިގަނޑު ހަވާލުކުރުމަށް ފަހުން އެއްބަސްވެފައެވެ. އަދި މަރުވި މީހާގެ ހަށިގަނޑު ސިފައިންގެ ބެލުމުގެ ދަށުން ގެންދިއުމަށް ޝަރުތުކުރިއެވެ. އޮފިޝަލުން އެއްބަސްވެފައިވަނީ އާއިލާގެ ކޮންމެވެސް ފަސް މެމްބަރަކަށް މަރުވިމީހާގެ ހަށިގަނޑާ ކައިރިވުމުގެ ހުއްދަދީފައެވެ. އަދި ހުއްދަދެވޭ ފަސް މެމްބަރުންނަށް ސަލާމަތީ ގޮތުން ރައްކާތެރިވާނެ އާލާތްތައް ވެސް އޮފިޝަލުން ވަނީ ދީފައެވެ.
ކޮންގޯގެ ސިފައިންގެ ބެލުމުގެ ދަށުން ސަހަރާއަށް ހަށިގަނޑު ގެންދިޔަ އުޅަނދު ދުއްވަން އިން އާއިލާގެ މެމްބަރު ވަނީ ސަހަރާ ހުންނަ މަގު ހުރަސްކޮށް މިސްރާބު ބަދަލުކޮށްފައެވެ. އަދި އެގައުމުގެ އެހެން އަވަށަކަށް މަރުވި މީހާގެ ހަށިގަނޑާއެކީ ދަތުރުކޮށްފައެވެ. ސިފައިން އެ ހިސާބަށް ދިއުމުން އެ އަވަށުގެ މީހުން ވަނީ ސިފައިންނާ ކުރިމަތިލާފައެވެ. އަދި އާއިލާއިން މަރުވި މީހާއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރުމަށް ފުރުސަތު ދޭން ގޮވާލައިފައެވެ. ނަމަވެސް ފަހުން އާއިލާ މީހުންގެ ތެރޭ ދެބަސްވުން އުފެދި އެ ކުރެވުނު ކަންތަކާ މެދު ބިރުވެރިކަން އުފެދި ކަންބޮޑުވާ ހިސާބަށް ދިޔައެވެ. އެންމެ ފަހުން އާއިލާއިން ވަނީ މަރުވި މީހާގެ ހަށިގަނޑު އޮފިޝަލުންނާ ހަވާލުކޮށްފައެވެ. އަދި ހުއްދަ ދެވުނު ފަސް މީހުންގެ ހާޒިރުގައި އެމީހާ ވަނީ ވަޅުލައިފައެވެ.
ޖެހިގެން އައިދުވަހު އާއިލާއިން މަރުވި މީހާއާ ކައިރިވި ހުރިހާ އެންމެން އަމިއްލައަށް ވަނީ ހޮސްޕިޓަލަށް ގޮސް ބަލީގެ އަސަރު ހުރިތޯ ކަށަވަރުކޮށް އެބޯލާގެ ވެކްސިން ޖަހައިފައެވެ. އަދި މަރުވި މީހާގެ ހަށިގަނޑު ފޮރުވުމުގައި އުޅުނު މީހުން ވަނީ އެ އަވަށުގެ އިސްވެރިންގެ ކުރިމަތީގައި މައާފަށް އެދެފައެވެ.
ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާގައި މިހާތަނަށް 135 މީހުން ވަނީ މަރުވެފައެވެ.