ދުނިޔެ

ކޮންގޯގައި އެބޯލާ ފެތުރެމުންދާ ސަރަހައްދުން އެ ބަލީގެ ތަޖުރިބާކާރުން ނެރެން ފަށައިފި

މުހައްމަދު އައުޒަމް

ޑިމޮކްރެޓިކް އޮފް ކޮންގޯގައި ނުރައްކާތެރި ދަރަޖައަކަށް އެބޯލާ ފެތުރެމުންދާ ސަރަހައްދުގައި ހަރަކާތްތެރިވާ ޔޫއެސް ސެންޓަރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޝަންގެ ތަޖުރިބާކާރުން ސަލާމަތީ ސަބަބަކަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރަމުންދާ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ހާމަކޮށްފިއެވެ.

އޯގަސްޓް މަހުގެ އެކަކުން ފެށިގެން ކޮންގޯގައި ހަލުވިކަމާއެކު ފެތުރެމުންދާ ސަރަހައްދުން އެބޯލާގެ އަސަރު 211 މީހެއްގެ ގައިން ފެނިފައިވާއިރު މިހާތަނަށް 135 މީހުން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަރުޖަމާނު ހާމަކުރިއެވެ.

ތަރުޖަމާނު މައުލޫމާތުދެމުން ބުނީ މިހާތަނަށް 55 މީހުންނަށް ފަރުވާދީ ބަލިން ސަލާމަތް ވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ބަލިޖެހިފައިވާ މީހުން އިތުރުވަމުންދާ ކަމަށެވެ. އެނާ އިތުރަށް ބުނީ މިހާރު އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބަލީގެ ތަޖުރިބާކާރުން ނެތުން ކަމަށެވެ. ފާއިތުވި ދުވަސްތަކުގައި ފަރުވާދިނުމުގެ މަސައްކަތް ދަށްވެފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަސައްކަތް އެއްކޮށް ހުއްޓިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮންގޯގައި މިބަލި ފެތުރެމުންދާ ގޮތް ބަލައި ކޮންޓްރޯލް ކުރެވޭނެ ގޮތް ހޯދުމަށް ކުއްލި ބައްދަލުވުމަކަށް ގޮވާލައިފައެވެ. ކޮންގޯ އަކީ މިލިޔަނަކަށް ވުރެ ގިނަ ރެފިއުޖީން އުޅޭ ގައުމަކަށް ވެފައި އެބޯލާ އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ވަނީ ފާހަގަކޮށްފައެވެ.