މެދުއިރުމަތީގެ އެންމެ ފުރަތަމަ ތެޔޮވަޅު ނިސްބަތްވާނީ ސައޫދީ އަރަބިޔާއަށޭ ބައެއް މީހުންނަށް ހީވުން އެކަށީގެންވެއެވެ. ނޫނެކެވެ. ސައޫދީ އަރަބިޔާއެއް ނޫނެވެ. އީރާނެވެ. ސައޫދީ އަރަބިޔާއިން ތެޔޮފެނުނީ އީރާނަށްވުރެ މާފަހުންނެވެ. އީރާނުން ތެޔޮ ހޯދުމުގެ މަސައްކަތްކުރީ އިނގިރޭސިވިލާތުގެ ވިޔަފާރިވެރިއެއްކަމަށްވާ ވިލިއަމް ނޮކްސް ޑާރސީއެވެ. އީރާނުގެ ރަސްކަމުގެ ދަރުބާރުން ހޯދި 60 އަހަރުގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. އެންމެ ފުރަތަމަ ތެޔޮވަޅު ކޮނުނީ މިދެންނެވި ވިޔަފާރިވެރިޔާ ފަންޑުކޮށްގެން އިނގިރޭސިވިލާތުގެ ޕެޓްރޯލިއަމް އިންޖިނޭރެެއް ކަމަށްވާ ޖޯޖް ބާނާޑް ރޭނޯލްޑްސްއެވެ. އޮޕަރޭޝަން ފެށީ 1903 ގައެވެ. ތެލާ ހަމަޔަށް ވާސިލްވެވުނީ އޭގެ ފަސް އަހަރު ފަހުން 1908 ގައެވެ. އެހެންވީމާ މެދުއިރުމަތީގެ ފުރަތަމަ ތެޔޮވަޅަށް މިހާރު 115 އަހަރުވީއެވެ.
އީރާނުގެ ފުރަތަމަ ތެޔޮވަޅު ނިސްބަތްވަނީ މަސްޖިދު ސުލައިމާން އޮއިލް ފީލްޑޭ ކިޔުނު ސަރަހައްދަށެވެ. އެސަރަހައްދު އޮތީ ޚުޒަސްތާނު ޕްރޮވިންސްގައެވެ. މިއީ އީރާނުގެ އެންމެ ހުޅަނގުން އިރާގާ އިންވެގެންވާ ޕްރޮވިންސެކެވެ. ސައްދާމު ހުސައިންގެ ދުވަސްވަރު އިރާގާއި އީރާނުން ކުރި ހަނގުރާމައިގެ ތެރޭގައި ޚުޒަސްތާނާއި މަސްޖިދު ސުލައިމާން އޮއިލްފީލްޑް ހިފުމަށް ސައްދާމުގެ ސިފައިން ވަރަށް ބޮޑަށް މަސައްކަތްކުރިއެވެ. ކާމިޔާބެއް ނުވިއެވެ. ކޮންމެއަކަސް މަސްޖިދު ސުލައިމާން އޮއިލްފީލްޑުގެ އޮޕަރޭޝަން ފެށުނުތާ 115 އަހަރު ފަހުން އަދިވެސް އެތަނުގެ އޮޮަޕަރޭޝަން ދަނީ ކުރިއަށެވެ. އެކަމަކު ހިނގަމުންމިދާ 2023 ވަނަ އަހަރަކީ އެންމެފަހު އަހަރެވެ. މި ފީލްޑުގެ އުފެެއްދުންތައް އެންމެ މައްޗަށް ދިޔައީ މީގެ 95 އަހަރު ކުރިން 1928 ގައެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ތެޔޮ ކުންފުނިކަމަށްވާ ބްރިޓިޝް ޕެޓްރޯލިއަމް ނުވަތަ ބީޕީ ވުޖޫދުވީ އީރާނުގެ މަސްޖިދު ސުލައިމާނުން ފެނުނު ތެލުގެ ވިޔަފާރި ހިންގުމަށެވެ. ކުރިން މިކުންފުނީގެ ނަމަކީ އެންގްލޯ އީރާނިއަން އޮއިލް ކޮމްޕެނީއެވެ. މެދުއިރުމަތިން އެންމެ ފުރަތަމަ ތެޔޮ ފެނުނީ އީރާނުން ކަމަށްވިޔަސް އީރާނަށްވުރެ މާކުރިން އަޒަބައިޖާނުން ތެޔޮ ފެނިއްޖެއެވެ. އީރާނުގެ އުތުރުން ޖެހިގެން އޮންނަ އަޒަބައިޖާނަކީ ކުރިން އީރާނުގެ ބައެކެވެ. އޭގެފަހުން ރަޝިޔާގެ ބަައެކެވެ. މިހާރު މިނިވަން މުސްތަގިއްލު ގައުމެކެވެ. އަޒަބައިޖާނުގެ ވެރިރަށް ބާކޫއިން ތެޔޮ ފެނުނީ 1820 ގައެވެ. ތެލުގެ ސިނާއަތު ފެށުނީ 1846 ގައެވެ. އެހެންވީމާ އެކަމަށް މިހާރު 177 އަހަރުވީއެވެ. ބާކޫ، މިނަމުގެ މާނަޔަކީ ކަޅު ސިޓީއެވެ. އެނަން ލިބުނީވެސް ތެލަށް ނިސްބަތްކޮށްފައެވެ.
ސައޫދީ އަރަބިޔާއިން ތެޔޮފެނުނީ އީރާނުގެ މަސްޖިދު ސުލައިމާނުން ތެޔޮނަގަން ފެށިތާ ބަރާބަރު ތިރީސް އަހަރު ފަހުން 1938 ގައެވެ. އެމެރިކާގެ ތެޔޮ ކުންފުންޏެއް ކަމަށްވާ ސްޓެންޑަޑް އޮއިލްގެ އިންޖިނޭރުންގެ މަސައްކަތުން ތެޔޮ ފެނުނީ ސައޫދީ އަރަބިޔާގެ އެންމެ އިރުމަތީގެ ޡަހުރާނުންނެވެ. ބޯކޮށެވެ. އެއީ އެހިސާބަށް ތެލުގެ އެންމެ ބޮޑު ހޯދުމެވެ. އެއީ އަބަދަށްޓަކައި ސައޫދީ އަރަބިޔާ ބަދަލުވެގެންދިޔަ ހޯދުމެވެ. ގިނަ ދުވަސްތަކެއްނުވެ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދައި އެކްސްޕޯޓްކުރާ ގައުމުކަމުގައި ސައޫދީ އަރަބިޔާ ހިމެނިގެންދިޔައީ ޡަހުރާނުގެ ތެލުގެ ސަބަބުންނެވެ. ގިނަ ދުވަސްތަކެއްނުވެ ކައިރިކައިރީގައިވާ އަރަބި އެހެން ގައުމުތަކުންވެސް ތެޔޮ ފެނިއްޖެއެވެ. ކުވޭތާއި އިރާގުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާރވެއް އޮތީ އެހިސާބުގައިކަމަށްވެސް ވެއްޖެއެވެ.
ސައޫދީ އަރަބިޔާ ބަދަލުވެގެންދިޔަ ގޮތަށް އިސާހިތަކު ކައިރިކައިރީގައިވާ އަރަބި އެހެން ގައުމުތައްވެސް ބަދަލުވެގެން ހިނގާއްޖެއެވެ. އިރާގާއި ކުވޭތެވެ. ގަތަރާއި ބަހުރައިނެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި އޮމާނެވެ. ފަގީރުކަމުގެ ގިންތިން މުއްސަނދިކަމުގެ އިންތިހާއަށް އުފުލިގެން ހިނގާއްޖެއެވެ. އެހެންނަމަވެސް މި މުއްސަނދިކަމުން ސަރަހައްދުގެ އެންމެ ގައުމެެއް ބާކީވެއްޖެއެވެ. ދުނިޔޭގެ ތެލުގެ ޚަޒާނާކަމަށް ބެލެވޭ އެރޭބިއަން ޕެނިންސޫލާގެ އެންމެ ދެކުނުގައި އޮންނަ ޔަމަން ވަނީ މި މުއްސަނދިކަމުން މަހުރޫމުވެފައެވެ. ޔަމަނަކީ ސަރަހައްދުގެ އެންމެ ފަގީރު ގައުމެވެ. މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ފަގީރު އެއްގައުމެވެ. ސަބަބަކީ ކޮބައިބާވައެވެ. ސަރަހައްދުގެ އެހެން ހުރިހާ ގައުމެއްގައި ތެޔޮ ހުރެފައި ޔަމަނުގައި ތެޔޮނެތީބާވައެވެ.
ނޫނެކެވެ. ޔަމަނުގައިވެސް ތެލާއި ގޭސް އެބަހުއްޓެވެ. ސައޫދީ އަރަބިޔާ އާއި އެމިރޭޓްސްގައި ހުރިވަރަށް ނެތަސް ހިންދެމިލައި ތެދުވެވޭވަރަށް އެބަހުއްޓެވެ. މިހާތަނަށް އެނގި ކަށަވަރުވެފައިވާ މިންވަރުންވެސް ހަތަރު ފަސް ބިލިޔަނެއްހައި ފީފާގެ ރިޒާރވެއް އެބައޮތެވެ. މިފަދަ ރިޒާރވެއް އޮތްކަން އެނގުނީވެސް މާފަހުންނެވެ. ތެޔޮފެނޭތޯ މަސައްކަތްކުރަމުންދަނީ ސައޫދީ އަރަބިޔާއިންވެސް ތެޔޮ ފެނުމާ ގުޅިގެންނެވެ. އެކަމަކު ތެލާ ހަމަޔަށްފޯރީ މާފަހުންނެވެ. ހަގީގީ މާނައިގައި އަދިވެސް ނުފޯރައެވެ. ނެގެނީ ދާދި ކުޑަކުޑަ މިންވަރެކެވެ. މިކަމުގެ ފަހަތުގައި ސީރިއަސް ސަބަބުތަކެއް ހުރިކަމަށް ބުނެވެއެވެ. ޔަމަނުން ތެޔޮ ފެންނަން ބައެއް ގައުމުތައް ބޭނުންނުވީއެވެ. ތަނަވަސް ގައުމުތަކުގެ ސަފުގައި ޔަމަނު ހިމެނެން ބޭނުންނުވާ ބަޔަކުވެސް ތިބީއެވެ. އެހެންވީމާ ކަންތައްތަކެއް ހިނގީއެވެ.