އެންޓި ކޮރަޕްޝަން ކޮމިޝަން

އެޗްޑީސީގެ މުވައްޒަފުންތަކެއް ހުށަހެޅި ޕެޓިޝަންގައި ހިމެނޭ މައްސަލަތައް އޭސީސީން ބަލަނީ

މުހައްމަދު އައުޒަމް

ހައުސިން ޑިވެޕޮމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފުންތަކެއް ހުށަހެޅި ޕެޓިޝަންގައި ހިމެނޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނީ އެޗްޑީސީގެ މުވައްޒަފުންތަކެއް ސޮއިކޮށް ހުށަހެޅި ޕެޓިޝަނުގައި ހިމެނޭ މައްސަލަތަކުގެ ތެރޭގައި ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކެއް ހިމެނޭ ކަމަށެވެ.

ގިނަ އަދަދެއްގެ މައްސަލަތައް ފާހަގަކޮށް ހުށަހެޅި ޕެޓިޝަންގައި ކޮރަޕްޝަނާ ގުޅުންހުރި މައްސަލަތަކެއް ވެސް ހިމެނުމުން އެކަން ބަލަމުންދާ ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީއަށް އެޗްޑީސީގެ މުވައްޒަފުންތަކެއް ހުށަހެޅި ޕެޓިޝަންގައި ހިމެނޭ ކަންކަމުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރިޔާސީ ކެމްޕޭނުގައި އެ ކުންފުނީގެ އެކިއެކި ވަސީލަތްތައް ބޭނުންކުރި މައްސަލައެއް ހިމެނެއެވެ.

އެޗްޑީސީގެ މުވައްޒަފުންތަކެއް ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކޮށްފައިވަނީ ގޯތި ވިއްކުމުގެ ހުރިހާ ކަމެއް ހައުސިން މިނިސްޓްރީން އެޗްޑީސީއާ ހަވާލުކޮށްފައި ވަނިކޮށެވެ. ހައުސިން މިނިސްޓްރީން ގޯއްޗަށް އެދި ފޯމު ބަލައިގަތުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ހުއްޓާލުމަށް ފަހު އެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރި ނަމަވެސް، ފޯމު ބަލައިގަތުމުގެ ކަންކަން އަދި އެޗްޑީސީން ފަށާފައެއް ނުވެއެވެ.

ހުޅުމާލެއިން 400 ގޯތި ވިއްކުމަށް ނިންމާފައިވަނީ އެޗްޑީސީގެ ކޭޝްފްލޯ ދަށްވުމާ ގުޅިގެން އެކަން ރަނގަޅު ކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ.