ދުނިޔެ

އަދުގެ ދުނިޔެ: ސޫދާނުގެ މައްސަލައިގައި މިސްރު ހަތަރުއަނގޮޅިއެއްގެ މެދަށް

އިމާދު ލަތީފު

ސޫދާނުގެ އަވަށްޓެރިންގެ ތެރެއިން އެންމެ ވަރުގަދަ ބާރަކީ މިސްރެވެ. ސޫދާނުގެ އުތުރުގައި އޮތީ މިސްރެވެ. ސޫދާނުގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިވަނީވެސް މިސްރަށެވެ. އެހެންނަމަވެސް މި ހަނގުރާމަ ކޮޅެއްގައި ޖައްސައި ނިމުމަކަށް ގެނައުމަށް މިސްރުގެ ސާފު ޕްލޭނެއް ނެތެވެ. ސާފުކޮށް ފެންނާންއޮތް ސިޔާސަތެއްވެސް ނެތެވެ. އޮވެވެނީ ވަރަށް ބޮޑު އޮޅުންބޮޅުންތަކެއްގެ ތެރޭގައެވެ. ސޫދާނުގެ ހަނގުރާމަ ދިގުލައިގެންގޮސްފިނަމަ އެކަމުގެ ގެއްލުންތައް އެންމެ ބޮޑަށް އިހުސާސްކުރަން ޖެހޭނީވެސް މިސްރަށެވެ. ސޫދާނުގެ އަވަށްޓެރިންގެ ތެރެއިން މި ހަނގުރާމަ ކޮޅެއްގައި ޖެއްސުމަށް އަމަލީގޮތުން އެންމެ ބޮޑު ދައުރެއް އަދާކުރުމުގެ ކެރިކުޅަދާނަކަން ލިބިގެންވަނީވެސް މިސްރަށެވެ.

ކެރިކުޅަދާނަކަން ލިބިގެންވިޔަސް، އަދި ސޫދާނާއެކު ބާރަތަސޭތަ ކިލޯމީޓަރުގެ ދިގު ބޯޑަރެއް ހިއްސާކުރިއަސް ވަރަށް ގިނަ ސަބަބުތަކާހެދި މިސްރުގެ ދެއަތް ވަނީ ފުރަގަހަށް ބަނދެވިފައެވެ. ސޫދާނުގައި ހަނގުރާމަކުރާ ދެބައި މީހުންގެ ތެރެެއިން އެއްބަޔަކީ މިސްރުގެ ބައިވެރިޔެކެވެ. އެއީ ސޫދާނުގެ ސިފައިންނެވެ. ހަނގުރާމައިގެ އަނެއްކޮޅުގައި އޮތީ ޖެނެރަލް މުހައްމަދު ހަމްދާން ހަމީދުތީގެ ލީޑަރުކަމުގެ ދަށުގައިވާ ރެޕިޑް ސަޕޯޓް ފޯސަސް، އާރްއެސްއެފް އެވެ. އެ ފަޅިއަށް ތާއީދުކުރާ ފަރާތްތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްއަކީ މިވަގުތު މިސްރަށް އެންމެ ބޮޑު މާލީ އެހީތެރިކަން ފޯރުކޮށްދޭ އެއްގައުމެވެ. އިގްތިސާދީ ގޮތުން މިސްރު މިވަގުތު އެއޮތީ އެމިރޭޓްސްގެ އެހީއާނުލައި ހިންދެމިލެވޭނެ ގޮތެއްވެސް ނެތިފައެވެ.

ނީލަކޯރަކީ މުޅި މިސްރުގެ ދިރުމެވެ. އެކޯރު މިސްރުގެ ތެރެއަށް ދެމިގެން އަންނަނީ ސޫދާނުގެ ތެރެއިންނެވެ. މިއަދު ސޫދާނުގެ ތެރެއިން މިސްރަށް ދެމިގެން އަންނަނީ ހަމައެކަނި ނީލަކޯރާއި އެކޯރުގެ ފެނެެއް ނޫނެވެ. ރެފިއުޖީންގެ ކޯރެއްވެސް ދެމިގެން އެބައާދެއެވެ. ދާޚިލީ ހަނގުރާމަ ފެށުމުގެ ކުރިންވެސް ސޫދާނުގެ ފަސްމިލިޔަނެއްހައި މީހުން ދިރިއުޅެމުންއައީ މިސްރުގައެވެ. ހަނގުރާމަ ފެށުނު ފަހުންވެސް މިލިޔަނަކަށްވުރެ ގިނަ މީހުން މިސްރަށް އެތެރެވެއްޖެއެވެ. ކޮންމެ ދުވަހަކުވެސް ވިހިތިރީސްހާސް މީހުން އެބަވަދެއެވެ. އެހެންވީމާ ސޫދާނުގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕަކަށް ވެފައިވަނީ މިސްރެވެ. މިދަނޑިވަޅުގައި ވަކި ފަރާތަކަށް ޖެހިގެން، ވަކި ބަޔަކަށް ކާމިޔާބު ހޯދައިދިނުމަށް މިސްރުން މަސައްކަތްކޮށްފިއްޔާ އޭގެ ނަތީޖާ ނުހަނު ހިތި އެއްޗަކަށްވެސް ވެދާނެއެވެ.

ސޫދާނުގައި މިސްރާއި ދެކޮޅު، އަދި މިސްރަށް ރުޅިއަރާ ސަރުކާރެއް އޮތުމަކީ އެއްވެސް ގޮތަކުން މިސްރަށް ފަރުޖެއްސޭނެ ކަމެއް ނޫނެވެ. އެއަށްވުރެ މިސްރުގެ ސްޓްރެޓީޖިކް މަސްލަހަތު ބޮޑެވެ. ޚާއްސަކޮށް އިތިއޮޕިޔާއިން ނީލަކޯރުގެ ފެން ހިފަހައްޓައި ރައްކާކުރުމަށްޓަކައި ހަދަމުންދާ ޑޭމުގެ މައްސަލައިގައި ސޫދާނުގެ އެހީތެރިކަމާއި އެއްބާރުލުން ކޮންމެ އަގެއްގައިވެސް މިސްރަށް ނުހަނު ބޮޑެވެ. އެހެންވީމާ ސޫދާނުގެ އަސްކަރީ ވެރިޔާ ޖެނެރަލް ބުރުހާނާއި އޭނާގެ އަސްކަރިއްޔާއަށް ފާޅުގައި އެހީތެރިވެދީ މި ހަނގުރާމައިގައި ސީދާ ދައުރެއް އަދާކުރަން މިސްރަށް ފަސޭހައެއް ނޫނެވެ. ހަނގުރާމައިގައި ކުރިލިބޭނެ ކޮޅެއްވެސް ނޭނގޭތީއެވެ. ހަމަ މިކަހަލަ ގޯހެއް ލީބިޔާގެ ދާޚިލީ ހަގުރާމައިގެ ތެރޭގައި މިސްރުން ވަނީ ހަދައިފައެވެ. އެކަހަލަ ކަމެއް ތަކުރާރު ކުރެވެންނެތީ އެހެންވެއެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި މިސްރުން ތާއީދުކޮށް މަދަކުކުރީ ޚަލީފާ ހަފްތަރަށެވެ. އޭނާއަށް މުޅި ގައުމުގެ ކޮންޓްރޯލް ދާދި އަވަހަށް ލިބޭނޭކަމަށް ބަލައިފައެވެ. އެކަމަކު އެހެނެއް ނުވިއެވެ. ލީބިޔާ ހަމަޔަށް ދެބައިވީއެވެ. ދާޚިލީ ހަނގުރާމަ ދިގުލައިގެން ދިޔައީއެވެ. އެބީދައިން ސޫދާނުގެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ ޚަރުތޫމުގައި އޮންނަ ސަރުކާރެއް މިސްރުގެ ދުޝްމަނަކަށް ބަދަލުވެދާނެއެވެ. އެހެންވެއްޖެނަމަ ދެން މިސްރުގެ މަސްލަހަތަށް ވާނެގޮތެއްވެސް ނޭނގެއެވެ. ސޫދާނުގެ މުހިންމުކަން ލީބިޔާއަށްވުރެވެސް އެތައް ގުނައެއް މިސްރަށް ބޮޑެވެ. މިސްރުގެ އިގްތިސާދު މިވަގުތު އެއޮތީ މީންޒަމާނަކުވެސް އަޑިއަށް ނުދާވަރުގެ ފުންހިސާބަކަށް ގެނބިފައެވެ. ފައިދާއެއްނެތް ބޭކާރު ހަނގުރާމައެއްގައި ގައުމީ ވަސީލަތްތައް ގުރުބާންކުރެވޭކަށްވެސް ނެތެވެ.

ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން އިގްތިސާދީގޮތުން މިސްރު އެއޮތީ އައިސީޔޫގައެވެ. ނޭވާލެވެނީ ވެންޓިލޭޓަރުގެ އެހީގައެވެ. އެ ވެންޓިލޭޓަރަށް އޮކްސިޖަނުގެ ބަދަލުގައި ޑޮލަރު އަޅަނީ އެމިރޭޓްސް އާއި ސައޫދީ އަރަބިޔާއިންނެވެ. އެހެންވީމާ މިސްރަށް މިކަމުގައި އަމިއްލަ ގޮތެއް އިޚުތިޔާރު ކުރެވޭކަށްވެސް ނެތެވެ. ސޫދާނުގެ ދާޚިލީ ހަނގުރާމައިގައި ވަކިކޮޅަކަށް އަރައި ވަކި ބަޔަކަށް އެހީތެރިނުވާނަމޭ ބުނެ މިސްރުގެ އަސްކަރިއްޔާއިން ބަޔާނެއް ނެރުނީ އެހެންވެގެންނެވެ. ދެންއޮތީ ކުޅިބަލަން ތިބީމާ ނުކުމެދާނެ ނަތީޖާއެއްގެ މައްސަލައެވެ. ކުޅިބަލަން ތިބުމަކީވެސް ހައްލެއް ނޫނެވެ. މިސްރުގެ މަސްލަހަތު ނިޔާކުރާ ގޮތެއްވެސް ނޫނެވެ. މިސްރުގެ މަސްލަހަތަކީ ސޫދާނުގައި ސުލްހަ މަސަލަސްކަން ގާއިމުވެފައިއޮތުމެވެ. ދާޚިލީ ހަނގުރާމަ ވީހާވެސް އަވަހަކަށް ނިމުމެވެ.