މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން

މޯލްޑިވްސް އޯޕަން ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗުންގަށް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗުންގް ހޯދައިފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "މޯލްޑިވްސް އޯޕަން 2023" އަކީ ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިޔުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) އިން ވެސް ގަބޫލުކުރާ 10 ބޯލް ބިލިއާޑް މުބާރާތެކެވެ. ހަތަރު ދުވަހުގެ މުއްދަތަކަށް މުބާރާތް ކުރިއަށް ގޮސްފައިވާ އިރު، މޯލްޑިވްސް އޯޕަންގައި ވާދަކުރީ 64 ކުޅުންތެރިންނެވެ. އޭގެ ތެރެއިން 16 ކުޅުންތެރިން ވެގެންދިަޔައީ ރާއްޖޭގެ ކުޅުންތެރިންނަށެވެ.

މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުންވެސް ކުރިއެރުންތަކެއް ފެނިގެން ގޮސްފައިވާ އިރު، ހަސަން ޝާޒް މުހައްމަދު ވަނީ ގަދަ 32 ކުޅުންތެރިންގެ މެއިން ޑްރޯއަށް ކޮލިފައިވެފައެވެ. އެ ކާމިޔާބީއާއެކު އޭނާ ވެފައިވަނީ ވޯލްޑް ޕޫލް-ބިލިއާޑް އެސޯސިއޭޝަންގެ ރޭންކިން މުބާރާތެއްގެ ނޮކްއައުޓް ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި އެތުލީޓަށެވެ.

މާލޭގެ ބިލިއާޑް ހޯލުގައި މުބާރާތުގެ ފައިނަލް މެޗުގައި ރޭ ކޯ ޕިން ޗުންގް ވާދަކޮށްފައި ވަނީ ފިލިޕީންސްގެ ޖޮހާން ޗުއާއާ ދެކޮޅަށެވެ. ފައިނަލް މެޗު ވާދަވެރިކޮށް ފެނިގެން ގޮސްފައިވާ އިރު، ކޯ ޕިން ޗުންގް މެޗުން މޮޅުވީ 10-8 ފްރޭމުންނެވެ.

ރޭ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެމްޕީބީއޭ އަކީ ރާއްޖޭގެ އެންމެ ހިންގުންތެރި އެއް ކުޅިވަރު އެސޯސިއޭޝަނެވެ. އެ އެސޯސިއޭޝަނުން ވަނީ ބިލިއާޑް ކުރިއެރުވުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ކުރިން ކުޑަ ޖާގައެއްގައި، އެންމެ ހަތަރު ބިލިއާޑް މޭޒާއެކު އެސޯސިއޭޝަން ހިންގި ނަމަވެސް، މި ސަރުކާރުން ބިލިއާޑަށް ވަނީ ޖާގަ ތަނަވަސް ތަނެއްވެސް ވެސް ގާއިމުކޮށްދީފައެވެ.