އަލްހާން ފަހުމީ

ސިޔާސީ ލީޑަރުންތަކެއް ބޭނުންވާ ގޮތަށް "ތަޅާ ޕަޕެޓުތަކެއް" މަޖިލީހަށް ގެންދިޔައީމާ ކަމަކު ނުދާނެ: އަލްހާން

ސިޔާސީ ލީޑަރުންތަކެއް ބޭނުންވާ ގޮތަށް "ތަޅާ ޕަޕެޓުތަކެއް" ރައްޔިތުންގެ މަޖިލީހަށް ގެންދިޔައީމާ ކަމަކު ނުދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

"6 އޭޕްރީލްގައި 6 ކަށްޖަހާ" ކަންމަތީ ބައްދަލުވުމުގައި މިރޭ ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ މަޖިލީހަށް ވަޑައިގަންނަވަނީ މިދިޔަ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންނާ މުހާތަބު ކުރައްވަމުން ދެއްކެވި ވާހަކަފުޅުތަކުގައި ވީ ވައުދުތައް ރައްޔިތުންނަށް ފުއްދަވައިދެއްވާތޯ ބެލުމަށް ކަމަށެވެ.

"އަޅުގަނޑު މަޖިލީހަށް ވަނުމާއެކީ އަޅުގަނޑު ރައީސްގެ ވައުދުތަކުގެ ލިސްޓު ނަގައިގެން ނުކުންނާނަން. އެ ވައުދުތައް ފުއްދަވައިދެއްވާތޯ އާއި އެ ވައުދުތައް ފުއްދަވައި ދެއްވުމުގައި ރައީސްއާއި ސަރުކާރުން އަމަލުކުރައްވަނީ ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް، ވަކި މީހަކަށް ނުބަލައި، ހަމަހަމަ އުސޫލުންތޯ އަޅުގަނޑު ގާތުން ބަލައި ކަށަވަރު ކުރާނަން. އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ ރައްޔިތުންނޭ، ހޭލުންތެރިވެވަޑައިގަންނަވާށޭ، ރައްޔިތުންގެ މަޖިލީހަށް ވަކި ސިޔާސީ ލީޑަރުންތަކެއް ބޭނުންވާ ގޮތަށް ތަޅާ ޕަޕެޓުތަކެއް ގެންދިޔައީމަކާ ކަމަކު ނުދާނެ. އޭރުންނެއް ރަނގަޅެއް ވެސް ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އަލްހާން ވިދާޅުވީ ވަކި ސިޔާސީ ލީޑަރުންތަކެއް ބޭނުންވެގެން، އެ ލީޑަރުންތައް ބުނާ ގޮތެއް ހަދައިގެން ތިބޭ ބަޔަކު މަޖިލީހަށް ގެންގޮސްފިއްޔާ ކަންކަން އިސްލާހުކުރަން އޮންނަ ފުރުސަތު ވެސް ގެއްލިގެންދާނެ ކަމަށާއި އަބަދުވެސް އިސްލާހަށް އޮންނަ މަގަކީ އެކަންކަމާ ބެހޭގޮތުން ފާޑުކިޔައި ވާހަކަދައްކަން އޮންނަ ފުރުސަތު ކަމަށެވެ.

"އެކަމަކު އަޅުގަނޑުމެން އަނގަ ބަންދުވެގެން، ކޮން ނަމެއްތޯ ކިޔަނީ އެހީމަ ވެސް އެޖެންޑާ 19އޭ. ބައްޕައަށް ކިޔަނީ ކޮން ނަމެއްތޯ އެހީމަ ވެސް އެޖެންޑާ 19އޭ. މިހިސާބަށް ދާވަރަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންގެ ޖާހިލުކަން އޮވެގެންވާނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.

އަލްހާން އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިއަދު ހިނގަމުން މިދަނީ ސިޔާސީ އެކިއެކި ފިކުރުގައި ބާރުވެރި މީހުން އެބަޔަކަށް ބާރު ހޯދުމާއި ވެރިކަން ހޯދުމުގެ މަސައްކަތްކަން ރައްޔިތުން މިއަދު ގަބޫލުކުރަންވާނެ ކަމަށެވެ.