ދިވެހިރާއްޖޭގެ ތަރިކައިގެ ދަފްތަރެއް އެކުލަވާލައި، ތަރިކައިގެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ހެރިޓޭޖު މިނިސްޓްރީން ބުނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީން ކުރަން ވައުދުވެފައިވާ ކަންތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި ދުވަސްވީ ބިނާތަކާއި އާސާރީ ތަންތަނާއި، ތާރީޚާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީކަމުން، އެފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައެޅި، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި، ހަރުދަނާ އުސޫލަކުން އާސާރު ބެލެހެއްޓެން ފެށުމުގެ ތެރެއިން ތަރިކައިގެ ގާނޫނުގެ ބިލުގެ ދެލި ކޮޕީ ތައްޔާރުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ސަގާފީ ތަރިކައިގެ ވަގުތީ ދަފްތަރެއް އެކުލަވާލައި މިހާރު ގެޒެޓްކޮށްފައިވާ ކަމަށް ހެރިޓޭޖުން ބުނެއެވެ.
ތަރިކައިގެ ގާނޫނު މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރެއްވުމުން ރާއްޖޭގެ ތަރިކަ ދެމެހެއްޓެނިވި ގޮތަކަށް ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ބަލަހައްޓަން ފަށާނެ ކަމަށް ބުނެފައިވެއެވެ.
އަދި ތަރިކައިގެ ލިސްޓަށް ގާނޫނީ ބާރު، ލިބި އާސާރީ ސަރަހައްދުތައް ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.
އަދި އެ ލިސްޓު ތައްޔާރުކޮށްފައިވަނީ ރަށު ކައުންސިލްތަކާއި ދާއިރާގެ މާހިރުންނާއި އާންމުންގެ އެހީތެރިކަމާއި އެކުގައި ކަމަށާއި ލިސްޓުގައި ހިމެނިފައިވާ މައުލޫމާތުތައް އުނި އިތުރު ގެނައުމަށާއި މައުލޫމާތު ކަށަވަރުކުރުމަށް އާންމުންގެ ޚިޔާލު މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އަބަދުވެސް ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިވާކަމަށް ވެސް ބުނެފައިވެއެވެ.