މެންޗެސްޓާ ޔުނައިޓެޑް

ޔޫރޯ 2028 އަށް އިނގިރޭސިން ކުރާ ބިޑަށް ފައިނަލްކުރި ސްޓޭޑިއަމްތަކުގައި އޯލްޑް ޓްރެފޯޑް ނުހިމެނޭ

ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ޔޫރޯ 2028 ހޯސްޓް ކުރަން އިނގިރޭސިވިލާތުގެ ގައުމުތަކާއި ރިޕަބްލިކް އޮފް އަޔަލޭންޑް ކުރަން ތައްޔާރުވާ ބިޑްގައި ހިމެނޭ ސްޓޭޑިއަމްތައް އިއުލާނު ކޮށްފިއެވެ.

އަންނަ އަހަރު އޮންނަ ޔުރޯއަށް ފަހު ދެން ޔޫރޯ ބާއްވަން ކަނޑައަޅާފައި ވަނީ 2028 ވަނަ އަހަރުއެވެ. އެއަހަރުގެ ޔޫރޯ ހޯސްޓް ކުރަން އިނގިރޭސިވިލާތާއި ރިޕަބްލިކް އޮފް އަޔަލެންޑްގެ ޖޮންޓް ބިޑެއް ކުރަން ވަނީ ތައްޔާރުވެފައެވެ. އޭގެ އިތުރުން ތުރުކީއަކީ 2028 ވަނަ އަހަރު ޔޫރޯއަށް ބިޑްކުރަން ތައްޔާރުވެފައިވާ ގައުމެކެވެ.

އިނގިރޭސިވިލާތާއި އަޔަލެންޑުން ކުރަން ތައްޔާރުވާ ބިޑްގައި ޔޫރޯގެ މެޗުތައް ކުޅެން ނިންމާފައި ވަނީ 10 ސްޓޭޑިއަމެއްގައެވެ.

ސްޓޭޑިއަމްތައް ނިންމުމަށް އަޔަލެންޑާއި ޔޫކޭގެ ފުޓުބޯޅަ އިދާރާތަކުން ފުރަތަމަ ހުށަހެޅި ލިސްޓްގައި 14 ސްޓޭޑިއަމެއްގެ ނަން ހިމަނާފައިވެއެވެ. އޭގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހީ ސްޓޭޑިއަމް، އޯލްޑް ޓްރެފޯޑުގެ ނަންވެސް ހިމަނާފައިވެއެވެ. އެހެންނަމަވެސް ފައިނަލް ލިސްޓްގައި އެ ސްޓޭޑިއަމަށް ފުރުސަތު ދީފައެއް ނުވެއެވެ. އޯލްޑް ޓްރެފޯޑަކީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލޭ ނެގުމަށްފަހު، އެގައުމުގައި އޮތް އެންމެ ޖާގަ ބޮޑު ސްޓޭޑިއަމްވެސް މެއެވެ.

ޔޫރޯ 2028 ހޯސްޓް ކުރުމަށް ފުރުސަތު ދިން ސްޓޭޑިއަމްތަކުގެ ތެރޭގައި ސްކޮޓްލޭންޑްގެ ގަލަސްގޯގެ ހެމްޕްޑެން ޕާކާއި ކާޑިފްގެ ޕްރިންސިޕާލިޓީ ސްޓޭޑިއަމްގެ އިތުރުން އިންގްލެންޑްގެ ވެމްބްލޭއާއި، ނިއުކާސަލްގެ ސެއިންޓް ޖޭމްސަސް ޕާކް، އެސްޓޮން ވިލާގެ ވިލާ ޕާކްގެ އިތުރުން މެންޗެސްޓާ ސިޓީގެ އެތިހާދު ސްޓޭޑިއަމާއި ޓޮޓެންހަމްގެ ސްޓޭޑިއަމް ހިމެނެއެވެ.

އޭގެ އިތުރުން އަޔަލެންޑް ޑަބްލިންގެ އަވީވާ ސްޓޭޑިއަމްވެސް ވަނީ ފައިނަލް ސްޓޭޑިއަމްތަކުގެ ތެރޭގައި ހިމެނިފައެވެ. އޭގެ އިތުރުން އެވަޓަންއިން އަލަށް އަޅަމުންދާ އެވަޓަން ސްޓޭޑިއަމްވެސް ބިޑްގައި ހިމަނާފައިވާ އިރު، އެ ސްޓޭޑިއަމް ނިމޭނެ ކަމަށް އެވަޓަންގެ ވެރިން ލަފާ ކޮށްފައި ވަނީ އަންނަ އަހަރަށެވެ. އެވަޓަން ސްޓޭޑިއަމްގެ އިތުރުން ދެން އެއްކޮށް ނުނިމޭ ސްޓޭޑިއަމްއަކަށް ބިޑްގައި ހިމަނާފައިވާ ސްޓޭޑިއަމަކީ ބެލްފާސްޓްގެ ކޭސްމެންޓް ޕާކެވެ.

އިނގިރޭސިން ކުރަން ތައްޔާރުވެފައިވާ ޔޫރޯ ބިޑަށް، ޔޫކޭގެ ޕްރައިމް މިނިސްޓަރު ރިޝީ ސުނާކާއި އައިރިޝް ޕްރައިމް މިނިސްޓަރު ލެއޯ ވަރަދްކާރާއި ސްކޮޓިޝް ފަސްޓް މިނިސްޓަރު ހަމްޒާ ޔޫސުފް އަދި ވޭލްސްގެ ފަސްޓް މިނިސްޓަރު މާކް ޑްރޭކްފޯޑް ވަނީ އާނބަސް ބުނެފައެވެ.