ދުނިޔެ

ސައޫދީ ނޫސްވެރިޔާ ޚަޝޯގީގެ މައްސަލައިގައި އެމެރިކާއިން ސައުދީ ރަސްގެފާނާ ބައްދަލުކުރަނީ

މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓަށް ދިޔަފަހުން ވީނުވީއެއް ނޭނގި ގެއްލުނު ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ މައްސަލައާ ގުޅިގެން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، މައިކް ޕޮންޕޭއާ، ސައުދީގެ ރަސްގެފާނު ސަލްމާނާ ބިން އަބްދުލް އަޒީޒާ ބައްދަލުކުރައްވަން ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސައުދީ ރަސްގެފާނާ ބައްދަލުކުރެއްވުމަށްފަހު ޕޮމްޕޭއާ ވަޑައިގަންނަވާނީ ތުރުކީއަށެވެ. ޚަޝޯގީގެ މައްސަލައާ ގުޅިގެން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުންދާ އިރު، އެމެރިކާއިން ވަނީ އޭނާ މަރާލިކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެފައި ވަނީ ޚަޝޯގީގެ "މަރުގެ ފަހަތުގައި" ވަނީ ކޮންބައެއްކަން ހޯދަން ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަށް ސައުދީން ޖަވާބުދާރީ ވުމަށްވެސް ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ އެދެމުންނެވެ.

ހަޝޯގީއަށް ވީނުވީއެއް ބެލުމަށް ތުރުކީގެ ސިފައިން ހިންގަމުން އަންނަ ތަހުގީގުގެ ދަށުން، އެގައުމުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް އިއްޔެ ވަނީ ވަދެފައެވެ. އެހެން ނަމަވެސް ޚަޝޯގީގެ އެއްވެސް ނިޝާނެއް ކޮންސިއުލޭޓުން ފެނުނު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އިއްޔެއަކީ ތުރުކީގެ ފުލުހުންނަށް ސައުދީ ކޮންސިއުލޭޓަށް ވަނުމަށް ހުއްދަދިން ފުރަތަމަ ދުވަހެވެ.

އެމެރިކާގެ ނޫސް އޭޖެންސީތަކާ ހަވާލާދީ މިއަދުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ޚަޝޯގީގެ މަރުގެ ޒިންމާ ނެގުމަށް ސައުދީން ދަނީ ތައްޔާރުވަމުންނެވެ. އެހެން ނަމަވެސް، އެކަމަށް ބާރު ލިބޭ އެއްވެސް ހެއްކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެމެރިކާގެ ހިމާޔަތުގައި ހުންނަތާ ވަނީ އަހަރެއްހައި ދުވަސްވެފައެވެ.

ތުރުކީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް މިމަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ޚަޝޯގީ ވަތް ފަހުން، ނުނުކުންނަ ކަމަށެވެ.