ރިފާ ހަލީލު
ޕިކަޕެއް ގަރާޖެއްގެ ތެރޭގައި ޕާކު ކުރަން އުޅުމުގެ ތެރޭގައި ފާރަކާއި ޕިކަޕު ދޭތެރޭގައި ތާށިވެ ރ. މަޑުއްވަރީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަސްލަމް އަބްދުﷲ މިއަދު ނިޔާވެއްޖެއެވެ.
މަޑުއްވަރީ ކައުންސިލް ރައީސް އަބްދުﷲ ސޯދިގު "ވަން" އަށް ވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް މިވަގުތު ހޮސްޕިޓަލްގައި ހުންނެވުމުން އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ދެންމެ ބުނީ މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖެއްސި ވަގުތު ޕިކަޕްގެ ފަހަތުގައި ހުރި މީހެއް ގައިގައި ޕިކަޕުން ޖެހި އެކްސިޑެންޓެއް ހިންގާފައިވާ ކަމަށް މިއަދު މެންދުރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހާއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.
މަޑުއްވަރީ އިން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓު ހިނގީ ކައުންސިލްގެ ޕިކަޕެއް އެތަނުގެ ގަރާޖުގައި ޕާކު ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އޭރު އަސްލަމް ހުންނެވީ ޕިކަޕު ފަހަތުގައި ކަމަަށް އޭނާ ބުންޏެވެ.
"ޕިކަޕު ޕާކު ކުރަންވެގެން އުޅުނީ. އޭރު އެސްޖީ އަސްލަމް ހުންނެވީ ޕިކަޕު ފަހަތުގަ. ޕިކަޕު ފާރުގައި ޖެހިދާނެތީ އަސްލަމް މިހުންނެވީ. އެހެން ހުއްޓައި ޕިކަޕު ޑްރައިވަރަށް އޮޅިގެން ސްޕީޑަށް ފިތާލެވުނީމަ އަސްލަމް ފިތުނީ ފާރާއި ޕިކަޕާ ދޭތެރޭ. ފައި ބުރިވެގެން ލޭ މަނާ ނުވެގެން މަރުވީ،" އޭނާ ބުންޏެވެ.