ޑރ. އިބްރާހީމް ޙަސަން

ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ވެސް އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތް ހަދަނީ

ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އޯއީސީޑީ ގައުމުތަކުން ކިޔެވޭނެ ގޮތް ހަދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އޭ ލެވެލްގައި ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް މީގެކުރިންވެސް ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން އޯއީސީޑީ ގައުމުތަކުން ކިޔެވެއެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ ގަވައިދަށް ބަދަލު ގެނެސް ސާކްގެ ގައުމުތަކުން ކިޔެވުމަށް އިސްކަންދޭ ގޮތަށް ބަދަލުގެނެސްފައެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، އޭ ލެވެލްއިން ރާއްޖެއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ބޭނުން މާއްދާއެއް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި ހަޔާ އެޗީވާސް ސްކޮލަޝިޕުގައި އޯއީސީޑީގެ ގައުމުތަކުން ކިޔެވޭނެ މަގާއި ޓްރެއިނިންގް ނީޑް އެނަލަސިސް ހެދުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި އޭގެއިތުރުން ފ. މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވާސިޓީގެ އައުޓްޕޯސްޓް ހިންގުމާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ގާނޫނީ ބާރުދިނުން ހިމެނޭކަމަށް ވެސް ޑރ. އިބްރާހީމް ހަސަން ވިދާޅުވިއެވެ.

ނަމަވެސް އެމްކިއު އަށް ބާރުދިނުމާ ބެހޭ ބިލް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ކުރިން ދެބެޗެއްގެ ދަރިވަރުންތަކަކަށް ބޭނުން ގައުމަކުން ކިޔެވުމަށް އޮތް ފުރުސަތު ގެއްލިފައިވާ ކަމަށާއި އެ ދެ ބެޗުގެ ދަރިވަރުންނަށް ވެސް އެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަޔާ އެޗީވާސް ހާސިލްކުރާ ދަރިވަރުންނަށް އޯއިސީޑީ ގައުމުތަކުން ކިޔެވޭނެ ފުރުސަތު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.