ސަރުކާރުން ދޫކުރާ މަތީ ތައުލީމަށް ދޭ ލޯނުގެ ދާއިމީ ނަތީޖާ މިއަދު އިއުލާން ކުރި އިރު، 453 ދަރިވަރަކަށް ލޯނު ހަމަޖެހިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ފެބްރުއަރީ މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިއަހަރުގެ ސްޓުޑޭންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ހަޔާ އެޑިއުކޭޝަނުން ވަނީ 720 ފުރުސަތު ހުޅުވާލައިފައެވެ. އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި، މިހާރު ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރުންނަށް ދޭ 303 ފުރުސަތެވެ.
ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެޕްރީލް މަހުގެ 11 ވަނަ ދުވަހު ހަމަވި އިރު، އެ ލޯނަށް 1،000 ދަރިވަރަކު ވަނީ ކުރިމަތިލައިފައެވެ. ވަގުތީ ނަތީޖާ ދެއްކި ގޮތުން ލޯނު ލިބެނީ 393 ދަރިވަރަކަށެވެ.
ލޯނު ލިބުނު ދަރިވަރުންގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށް ފަހު އިތުރު 60 ދަރިވަރަކަށް މަތީ ތައުލީމު ހާސިލުކުރަން ފުރުސަތު ދީފައިވާ ކަމަށެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިއަހަރު ހުޅުވައިލި ލޯނުގެ ފުރަތަމަ ބުރުން، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން 453 ދަރިވަރަކަށް ޖާގަ ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެމްބީބީއެސް އާއި ޕައިލެޓް ތަމްރީނު އަދި ޕީއެޗްޑީ ކިޔެވުމަށް ކުރިމަތިލި ދަރިވަރުން ފިޔަވައި، އެހެން ހުރިހާ ދާއިރާއަކުން ކުރިމަތިލި ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދީފައިވާ ކަމަށެވެ.
ސްޓޫޑެންޓް ލޯނު ދޫކުރަނީ ރާއްޖެއަށް މީހުން ބިނާކުރަން ބޭނުންވާ ހުރިހާ ދާއިރާއަކަށް ހުޅުވާލައިގެންނެވެ. އެގޮތުން ޕައިލެޓުކަން ކިޔަވަން ހުޅުވާލި ދިހަ ޖާގައަށް 252 ދަރިވަރަކު ކުރިމަތިލި އިރު، 240 ދަރިވަރަކު ޑިސްކޮލިފައިކުރަން ޖެހުނު ކަމަށާއި އެމްބީބީއެސް ކިޔަވަން ހުޅުވާލި 25 ޖާގައަށް 129 ދަރިވަރުން ކުރިމަތިލުމުން 104 ދަރިވަރަކު ޑިސްކޮލިފައިވެފައިވާ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޭރު އޮތީ ހުޅުވާލައިފައެވެ.
ލޯނު ނުލިބުނު ދަރިވަރުން ހުށަހެޅި ޝަކުވާތައް ބެލީ އެކަމަށް ކަނޑައެޅި އެޕީލް ކޮމިޓީއަކުންނެވެ.