ގިނަ އަދަދެއްގެ މީހުން ސްޓޫޑަންޓް ލޯނަށް އެދެމުުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިހާތަނަށް 800 އެއްހާ މީހުން ސްޓޫޑަންޓް ލޯނަށް އެދިފައިވާ ކަމަށެވެ.
ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ މެންދުރުފަހު 1:30 އަށް ހަމަވާނެ ކަމަށާއި އެހެންކަަމުން ލޯނު ބޭނުންވާ މީހުން ލިޔެކިޔުންތައް ފުރިހަމަކުރުމަށް ފަހު އެ ތާރީހުގެ ކުރިން ހުށަހެޅުން އެދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސްޓޫޑަންޓް ލޯނަށް އެދުމުގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލީ، މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެއީ 720 ފުރުސަތަށެވެ.
މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މީގެ ކުރިން ވިދާޅުވި ގޮތުގައި މިފަހަރު ލޯނު ސްކީމުގެ ދަށުން މުޅިން އަލަށް ކިޔަވާ ދަރިވަރުންނަށް 417 ފުރުސަތު ހުޅުވާލާފައިވާނެއެވެ. އަދި 303 ފުރުސަތު ހާއްސަކޮށްފައިވަނީ އެ ސްކީމުގެ ދަށުން މިހާރުވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.
މިދިޔަ އަހަރު ވެސް 1،500 އަށްވުރެ ގިނަ މީހުންނަށް ސްޓޫޑަންޓް ލޯނު ދޫކޮށްފައިވެއެވެ.