އެމްޑަބްލިއުއެސްސީ

ވިހެއުމުން ދޭ ހަ މަހުގެ ޗުއްޓީ ފެން ކުންފުނީގެ މުވައްޒަަފުންނަށް ދޭން ނިންމައިފި

ވިހެއުމުންދޭ ހަ މަހުގެ ޗުއްޓީ ފެންކުންފުނީގެ މުވައްޒަފުންނަށް ދިނުމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު ނިންމަވައިފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދުކުރި ޓުވީޓެއްގައި ބުނީ އެކުންފުނިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަން ހަމަޖެހިފައިވާކަން އިއުލާން ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު ކަމަށެވެ.

އެގޮތުން މެޓާރނިޓީ ލީވްއަށް ހަ މަސް ދުވަސް ޗުއްޓީ ނެގޭ ގޮތަށް ގެނައި ބަދަލާއެކު، އެމްޑަބްލިޔުއެސްސީން 2017 ވަނަ އަހަރު މާބަނޑު އަންހެނުންނާއި ޅަދަރިމައިންނަށް އަމާޒުކޮށްގެން ތައާރަފުކޮށްފައިވާ ޕޮލިސީގެ ދަށުން ވިހެއުމަށްފަހު ހަ މަސް ފަހުން، ދަރިފުޅަށް އެއް އަހަރު ފުރެންދެން، އޮފީހަށް ނުނިކުމެ ގޭގައި ހުރެގެންވެސް މަސައްކަތް ކުރެވޭނެއެވެ.

އަދި ހަ މަސްފަހުން އޮފީހަށް އަނބުރާ އަންނަން ބޭނުންވާ މުވައްޒަފުންނަށް، ދަރިފުޅަށް އެއް އަހަރު ވަންދެން، ހަތަރު ގަޑިއިރުގެ ބްރޭކާއެކު، ލުއިފަސޭހަ ގޮތަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ވިހެއުމުންދޭ ޗުއްޓީ ހަމަސްދުވަހަށް އިތުރުކުރުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން ވިހެއުމުން އަންހެން މީހާއަށް ހަމަހުގެ ޗުއްޓީއެއް ލިބޭއިރު ފިރިމީހާއަށް އެއްމަހުގެ ޗުއްޓީއެއް ލިބޭނެއެވެ.