ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

ނިއުއިން މިފަހަރު ނުކުންނާނީ ނިމާގެ ކޯޗުކަމުގައި

ވަގުތު ދެ ވަނަ ޑިިވިޝަނާއި އެފްއޭ ކަޕްގައި ވާދަކުރަން ތައްޔާރުވަމުންދާ ރާއްޖޭގެ ތާރީހީ ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ކޯޗު އަހުމަދު ނިމާދު (ނިމާ) ހަމަޖައްސައިފިއެވެ.

ނިއުއިން ނިމާއާ ކޯޗުކަން ހަވާލުކުރިކަން މިއަދު އިއުލާނު ކޮށްފައިވާ އިރު، ކުރިއަށް އޮތް ސީޒަނުގައި ނިމާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ފަރުހާދު އިސްމާއީލް (ފަރޭ) އެވެ. ފަރޭގެ ކެރިއަރުގައި އޭނާ ވަނީ ނިއުއަށްވެސް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، އެޓީމުގެ ކެޕްޓަނުކަންވެސް ކޮށްފައެވެ. އޭގެ ފަހުން ފުޓްސަލް އާއި ފުޓުބޯޅައިގައިވެސް ފަރޭ ވަނީ ކާމިޔާބު ކޯޗިން މަސައްކަތްތަކެއް ކޮށްފައެވެ.

ނިމާއަކީ ފުޓުބޯޅައިގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކޯޗެކެވެ. އޭނާ ކުރިން އީގަލްސްގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތް ކޮށްފައިވާ އިރު، އެކި ފަހަރު މަތިން އެޓީމުގެ ހެޑް ކޯޗުގެ ގޮތުގައިވެސް ފެނިގެން ގޮސްފައިވެއެވެ. އީގަލްސްގައި އޭރު މަސައްކަތް ކުރަމުންވެސް ނިމާ ވަނީ ރާއްޖޭގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ އެކިއެކި ކްލަބުތަކަށް ހެޑް ކޯޗުކަންވެސް ކޮށްދީފައެވެ.

ނިމާ މިދިޔަ ސީޒަނުގައިވެސް ދެވަނަ ޑިވިޝަނުގައި ޖޭޖޭ ސްޕޯޓްސް ކްލަބްގެ ކޯޗު ކަމުގައި ފެނިގެން ގޮސްފައިވާ އިރު، އޭގެ ކުރިން ބުރު ސްޕޯޓްސް ކްލަބުން ތިން ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދީވެސް ނިމާގެ ކޯޗުކަމުގައެވެ.

ސަސްޕެންޝަނުން ސަލާމަތްވެ، ނިއު އިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިިވިޝަނުގައި ވާދަކުރި އިރު، ޓީމުގެ ކޯޗަކަށް ހުރީ ސޮބާހު މުހައްމަދު (ސޮބާ) އެވެ. ސޮބާ ވަނީ ކުރިއަށް އޮތް ސީޒަނަށް ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗުކަމާ ހަވާލުވެފައެވެ.

ނިއުއިން އާ ސީޒަނަށް ތައްޔާރުވަމުންދާ އިރު، އެޓީމަށް އަދިވެސް އޮތް ޗެލެންޖަކީ ކުރިން ނުދެވި ހުރި މުސާރަތައް ނުދެވި އޮތުމެވެ. މިހާރުގެ ބޯޑުން މިދިޔަ އަހަރު ނިއު ސަސްޕެންޝަނުން ސަލާމަތް ކުރުމަށް ނުކުމެ، ފީފާއަށް ދައްކަން ޖެހިފައި އޮތް ފައިސާތައް ދައްކައި، ފައިސާ ދޭން ޖެހިފައި އޮތް ދިވެހި ކުޅުންތެރިންނާއެކު ފައިސާ ދައްކާ ހަލާސްކުރާނެ ކަމަށް އެއްބަސްވެސް ސެޓަލްމަންޓް އެގްރީމަންޓްތަކެއް ހެދިއެވެ. އެކަމަށް އެފްއޭއެމްވެސް އެއްބަސްވެ، ނިއު މިދިޔަ އަހަރު ދެވަނަ ޑިވިޝަނަށް ނުކުތީ އާ އުންމީދެއްގައެވެ. އޭރުވެސް ކްލަބުގެ ދަރަނިތައް ހަލާސްކުރާނެ ކަމަށް ޗެއާމަން އަހުމަދު ވާސިފް ވިދާޅުވެފައިވާ އިރު، އެ ފައިސާ އެކުގައި އަދިވެސް ހަލާސްކުރެވިފައެއް ނުވެއެވެ.

ސީޒަނަށް ނުކުންނަން ނިއު ކުރަމުންދާ މަސައްކަތުގައި އެޓީމުން އެންމެ ބޮޑު އަދަދަކަށް ފައިސާ ދޭން ޖެހޭ ދިވެހި ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއެކު މިހާރު ވަނީ އަނެއްކާވެސް އާ އެއްބަސްވުމަކަށް ގޮސްފައެވެ. ދަގަނޑޭއަށް ޖުމުލަ މިލިއަން ރުފިޔާއިން ނިއުއިން ދޭން އޮތް އިރު، މިހާރުގެ މެނޭޖުމަންޓުން ބުނީ އޭގެ ތެރެއިން އަދަދެއް ދީ، މިހާރު އަލުން އެއްބަސްވެފައި ވަނީ ބާކީ ބައި އަންނަ އަހަރުން ފެށިގެން ދޭ ގޮތަކަށް ކަމަށެވެ.

ދަގަނޑޭ ވަނީ ނިއު އިން އޭނާއަށް ދޭން ޖެހިފައިވާ ފައިސާގެ ބޮޑު ބައެއް އެ ކްލަބަށް މައާފުކޮށްދީފައެވެ. އޭގެ އިތުރުން އެހެން ބައެއް ކުޅުންތެރިންވެސް ސެޓަލްމަންޓް އެގްރީމަންޓްގައި ސޮއިކުރީ ދޭންޖެހޭ ފައިސާ އިން ބައެއް މައާފުކޮށްދީފައެވެ. އެއީ މިދިޔަ ސީޒަނަށް ނިއު އިން އަލުން ފުޓުބޯޅައަށް ނުކުންނަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް އަދިވެސް އިތުރު ބައެއް ކުރީގެ ކުޅުންތެރިންނަށް ނިއުއިން ދޭންޖެހޭ ފައިސާ ނުދެވި އެބަ އޮތެވެ. އެގޮތުން ކުރިން ކްލަބަށް ކުޅުނު ހަތް ކުޅުންތެރިއަކަށް ޖުމުލަ 348،000 (ތިން ލައްކަ ސާޅީސް އަށްހާސް ރުފިޔާ) ނިއުއިން ދޭން އެއްބަސްވެފައި އެބައޮތެވެ.