ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

މުބީންގެ ވައުދެއް: ނިއު ފުރަތަމަ ޑިވިޝަނަށް ގެންގޮސް، ސަޕޯޓަރުން ހެއްވައިލަދޭނަން

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަލުން ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، އެ ކްލަބުގެ ސަޕޯޓަރުން ހެއްވައިލާނެ ކަމަށް އާ ޗެއާމަން، ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ނިއު ރޭޑިއަންޓްގެ އާ ޗެއާމަނަކަށް މުބީން އިންތިހާބު ކޮށްފައި ވަނީ ރޭ ދަރުބާރު ގޭގައި ބޭއްވި އިންތިހާބީ ކޮންގްރެސްގައެވެ. މުބީނާއެކު ވައިސް ޗެއާމަންގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) ވެސް އިންތިހާބު ކޮށްފައިވެއެވެ. އޭގެ އިތުރުން ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ އަލް އުސްތާޒު އަލީ ރަޝީދެވެ.

"އަޅުގަނޑުމެން ޓީމުގެ މަސައްކަތަކީ ނިއު ރޭޑިއަންޓް މިއޮތް ހިސާބުން ނަގައިގަނެ، އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަން ޖެހިފައިވާކަން އެނގިގެން ފެށި މަސައްކަތެއް. މި ކްލަބަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން ފެށި މަސައްކަތެއް މިއީ. މި ކަމަށް މި ނުކުތީ އޭރުގައި އޮތް ބޯޑާ އަޅުގަނޑުމެން ކުރީގެ އެތައް ބަޔަކާ ވާހަކަ ދައްކައި، ލަފާ ހޯދައި މަޝްވަރާ ކޮށްފައި އަޅުގަނޑުމެންގެ މުޅި މި ޓީމު އެކުލަވާލައިގެން،" މުބީން ރޭގެ އިންތިހާބަށްފަހު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

މުބީން ރޭ ފާހަގަކުރެއްވީ ނިއުއަށް އަބަދުވެސް އޭނާ ލޯބިކުރާ ކަމަށާއި، އެންމެ ޅަ ދުވަހުން ފެށިގެން ނިއުގެ މެޗުތައް ބަލަން އޭނާ ދިޔަ ކަމަށެވެ. އެ އޮތް ލޯތްބާއެކު ކްލަބުގައި އަބަދުވެސް މަސައްކަތްތަކެއްކޮށް، އެ ކްލަބު ހިންގަން ނުކުތީ އަލުން އަނބުރާ އޮންނަން ޖެހޭ މަގާމަށް ގެންދަން ކަމަށްވެސް މުބީން ވިދާޅުވިއެވެ.

"ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް، ނިއު ރޭޑިއަންޓް ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދޭނަން. ވިކްޓަރީއާއި ވެލެންސިއާވެސް ވަރުގަދަކޮށް އެނބުރި އަންނަން ޖެހޭ. އަޅުގަނޑުމެން މި ކްލަބާ ހަވާލުވީ، ނިއު ރޭޑިއަންޓްގެ ހައްގު މަގާމަށް މި ކްލަބު ގެންގޮސްދޭން،" މުބީން ރޭ ފާހަގަކުރެއްވިއެވެ.

މުބީން ވިދާޅުވީ ފުޓުބޯޅަ އޮތް ހާލަތު އެނގޭ ކަމަށާއި، ފުޓުބޯޅައިގެ އެންމެ ބޮޑު ކްލަބު ހިންގަން ނުކުތީ ސަރުކާރުގެ ވިސްނުންވެސް ބަލައި އޮޅުނ ފިލުވައިގެން ކަމަށެވެ. އަދި އަމާޒަކީ ނިއު ރޭޑިއަންޓް އެކަނި ކުރިއަށް ގެންދިޔުން ނޫން ކަމަށާއި، ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރުން ކަމަށް އޭނާ ފާހަގަކުރިއެވެ. އެއާއެކު މުބީން ވިދާޅުވީ އެކަން ކުރުމަށް ނިއު ރޭޑިއަންޓް މުހިއްމުވާ ސަބަބަކީ އެއީ އެންމެ ސަޕޯޓަރުން ގިނަ ކްލަބަށް ވާތީ ކަމަށެވެ.

މުބީން މިރޭ ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ އަލުން ފޯރިގަދަ ކުރުމަށް ކްލަބު ފުޓުބޯޅައަށް ސަޕޯޓަރުން ގިނަ ކްލަބުތައް އެނބުރި ދަނޑަށް ނުކުންނަން ޖެހޭ ކަމަށެވެ. އެގޮތުން ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ވެލެންސިއާ ފަދަ ކްލަބުތައް ވާދަވެރި މެޗުތަކެއް ކުޅެގެން ނޫނީ ފުޓުބޯޅައަށް ފޯރި ނާންނާނެ ކަމަށް މުބީން ވިދާޅުވިއެވެ.

ސިޔާސީ ޕޯޑިއަމްތަކުން ފެނުނަސް، ފުޓުބޯޅައިގައި ކުރަނީ އެ މަސައްކަތެއް ނޫން

މީގެ ކުރިން ބިލެއްދޫ ދާއިރާގެ މެމްބަރުކަންވެސް ކުރެއްވި މުބީނަކީ ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ މޫނެއް ނަމަވެސް، އޭނާ ފާހަގަކުރީ ނިއު ރޭޑިއަންޓާއެކު ކުރާނީ މުޅިން ތަފާތު މަސައްކަތެއް ކަމަށާއި، ކްލަބާއެކު ނުކުންނަނީ ތަފާތު ފިކުރުގެ މީހުންނާ އެކުގައި ކަމަށެވެ.

"ސިޔާސީ ޕޯޑިއަމްގައި ފެނިފައި އޮތަސް، ކުޅިވަރުގައި ކުރާ މަސައްކަތަކީ ތަފާތު މަސައްކަތެއް. ނިއު ރޭޑިއަންޓާއެކު ކުރިއަށް ދާނީ ތަފާތު ފިކުރުތަކުގެ މީހުން ގޮވައިގެން،" ޗެއާމަން މުބީން ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ގިނަ ތަށި ހޯދި ނިއުއަކީ، ހަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމެކެވެ. ނިއުއިން 2012 ވަނަ އަހަރު ލީގު ނެގީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. 12 ފަހަރު އެފްއޭ ކަޕް، ތިން ފަހަރު ޕޮމިސް ކަޕް ކާމިޔާބުކުރި ނިއު ވަނީ 12 ފަހަރަށް ޕްރެސިޑެންޓްސް ކަޕްވެސް ނަގައިފައެވެ.

އެ ކާމިޔާބީތަކަށް މަޑު ޖެހުނީ އެތައް ލައްކައެއްގެ ދަރަންޏާއެކު އެ ކްލަބު 2019 ވަނަ އަހަރު ސަސްޕެންޑް ކުރުމުންނެވެ. އެއީ ހައްގު އަދަބެއް ނޫން ކަމަށާއި، އެއީ އޭރު އޮތް އެފްއޭ މެނޭޖުމަންޓާ ދެކޮޅަށް އަޑު އުފުލުމުގެ ސަބަބުން ދިން އަދަބެއް ކަމަށް އަދިވެސް ނިއުއިން ގަބޫލުކުރަމުންދާ އިރު، މިދިޔަ އަހަރުތަކުގައި އެ ކްލަބަށް ދިމާވި އެންމެ ބޮޑު ޗެލެންޖަކީ ދަރަނީގެ ޗެލެންޖެވެ.

މިވަގުތު ނިއުއިން ދެވަނަ ޑިވިޝަނުގައި އޮތް އިރު، މިދިޔަ ދެ އަހަރުވެސް ފުރަތަމަ ޑިވިޝަނަށް ނޭރި ދިޔައީ ހިތްދަތިކޮށެވެ. ޓީމު އެކުލަވާލުމުގައި ދަރަންޏަށް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ އިރު، އަލަށް އިންތިހާބުވި ޗެއާމަން މުބީން ވިދާޅުވީ ދަރަނި އޮތްކަން އެނގޭ ކަމަށާއި، އެންމެ ފުރަތަމަ ޓާގެޓަކީވެސް ދަރަނި ހަލާސްކުރުން ކަމަށެވެ.

"ނިއު ރޭޑިއަންޓް އޮތީ ދަރަނީގައިކަން އެނގިތިބެ އަޅުގަނޑުމެން މި ނުކުތީ. އެންމެ ބޮޑު މަސައްކަތަކަށް ވާނީ، ކްލަބަށް ކުޅުންތެރިންތަކެއް ގަތުމުގެ ބަދަލުގައި، މިހާރު އޮތް ދަރަނިތައް އަދާކޮށް ކުރިއަށް ދާން. އެހިސާބުން އަޅުގަނޑުމެން ކްލަބު ބައްޓަން ކުރާނީ ސަޕޯޓަރުންނާއި ކްލަބުގެ އިސް މީހުންގެ ލަފާ އަހައިގެން. އެކަމަށް މަސައްކަތް ކޮށްގެން،" މުބީން ފާހަގަކުރެއްވިއެވެ.