ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ކާމިޔާބު އެއް ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރިއަށް އޮތް ދައުރުގެ ޗެއާމަންގެ މަގާމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އިންތިހާބުކޮށްފިއެވެ.
މުބީން އެ މަގާމަށް އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި ނިއު ރޭޑިއަންޓްގެ އިލެކްޓޯރަލް ކޮންގްރެސްގައެވެ. މިރޭގެ ކޮންގްރެސްއާ ހަމައަށް ދިޔަ އިރު، އެ ކްލަބުގައި ހުރީ ވަގުތީ ޗެއާމަނެކެވެ. އެއީ އެންމެފަހުން ދައުރުގައި އިންތިހާބުވި ޗެއާމަން އަހުމަދު ވާސިފް ދައުރު މެދުތެރެއިން މަގާމުން އިސްތިއުފާދިނުމާ ގުޅިގެންނެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނިއުގެ ކޮންގްރެސްގައި އެ ކްލަބުގެ ކުރީގެ ފުޓުބޯޅަ ލެޖެންޑުންނާއި ރާއްޖޭގެ ފުޓުބޯޅައިގެ އިސް ފަރާތްތައް ބައިވެރިވެފައިވާ އިރު، ކްލަބުގެ ކޯ ފައުންޑަރު ކުއީން އަހުމަދު ވަހީދުވެސް ފެނިގެން ގޮސްފައިވެއެވެ.
މިރޭގެ ކޮންގްރެސްގައި ވޯޓަށް ހުޅުވާލީ އަސާސީ ގަވާއިދަށްވެސް ކުޑަ ބަދަލުތަކެއް ގެނައުމަށްފަހުއެވެ. އެގޮތުން ކްލަބުގައި ކުރިން ގެންގުޅޭ ޗަންދާ ނެގުމުގެ އުސޫލު، ކޮންމެހެން މަޖުބޫރުކޮށް އޮތް އޮތުން ބަދަލުކޮށް، ބޭނުންވާނަމަ ނެގޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. އަދި ހަޒާންދާރުގެ މަގާމު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ބަދަލުގައި އެ މަގާމުތަކުގައި ބޯޑު މެމްބަރުންނަށް ބަދަލުކޮށް، ގަވާއިދުގައި ލިޔެގެން އެޑްވައިޒަރީ ކޮމިޓީއެއް އެކުލަވާލަންވެސް ވަނީ ނިންމައިފައެވެ.
ނިއުއިން ބޭއްވި ކޮންގްރެސްގައި ސީނިއާ ވައިސް ޗެއާމަންގެ މަގާމަށް މިރޭ އިންތިހާބުކޮށްފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް (މުޖޭ) އެވެ. އޭގެ އިތުރުން ވައިސް ޗެއާމަނަކަށް އިންތިހާބުކޮށްފައިވަނީ އަލީ ރަޝީދެވެ. ލީގަލް ކައުންސިލަކީ މާޒިން ހުސައިން އިބްރާހީމެވެ.
ނިއުގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކޮންމެ މަގާމަކަށްވެސް ކުރިމަތިލީ އެންމެ ފަރާތަކުންނެވެ. އިންތިހާބުގައި ވޯޓަށް އެހީ އަތް ހިއްލައިގެން ވޯޓު ދޭ ގޮތަށެވެ. ހުރިހާ މަގާމަކަށްވެސް ހޮވުނީ ކްލަބު މެމްބަރުންގެ އަގުލަބިއްޔަތާއެކުގައެވެ. ވޯޓުގެ އަދަދު އިންތިހާބީ ކޮމިޓީން މިރޭ ހާމަކޮށްފައެއް ނުވެއެވެ.