ދުނިޔެ

ޖަޕާނުގެ ދަރިވަރަކު ޑިޕްލޮމާ ބަލައި ދިޔައީ ޒެލެންސްކީ ހެދިގެން

އިމާދު ލަތީފު

ޖަޕާނުގެ ކިޔޯޓޯ ޔުނިވަރސިޓީގައި ބޭއްވުނު ދަސްވެނިވުމުގެ ހަފުލާއަށް އެތާގެ ދަރިވަރަކު ޔުކްރޭނުގެ ރައީސް ޒެލެންސްކީ ހެދުން އަޅާގޮތަށް ހެދުން އަޅައިގެން ހާޒިރުވެއްޖެއެވެ.

އަމީކީ ނަމަކަށް ކިޔުނު މިޒުވާނާ އޭނާގެ ޑިޕްލޮމާ ބަލައި ސްޓޭޖު މައްޗަށް އެރީ ފެހިކުލައިގެ އަތްދިގު ސްވީޓަރަކާއި އެޔާގުޅޭ ފަޓްލޫނެއް ލައިގެންނެވެ. ތުނބުޅިވެސްހުރީ ހަމަ ޒެލެންސްކީ ބަހައްޓާ ގޮތަށެވެ. އޭނާ ބުނެފައިވަނީ މިއީ ޔުކްރޭނަށް ތާއީދުކުރާކަން ހާމަކުރުމަށް ކުރި ކަމެއް ކަމުގައެވެ.

ޒެލެންސްކީ ހެދުންއަޅާ ގޮތަށް ހެދުން އަޅައިގެން ގްރޭޖުއޭޝަނަށް ދިއުމުގެ ވިސްނުން އައީ ޒެލެންސްކީއާ ވައްތަރުކަމަށް ބައެއް ރައްޓެހިން ބުނަން ފެށުމުންނެވެ. އެހެން ޔުނިވަރސިޓީތަކާ ޚިލާފަށް ކިޔޯޓޯ ޔުނިވަރސިޓީގެ ގްރޭޖުއޭޝަނަކީ އެ ދަރިވަރަކު ބޭނުން އެއްޗެއް ބޭނުންގޮތަކަށް ލައިގެން ދެވޭ ހަފުލާއެކެވެ.

ޔުކްރޭނާއި ރަޝިޔާގެ މައްސަލައިގައި ޖަޕާނުގައި ބޮޑުތަނުން ތާއީދުއޮތީ ޔުކްރޭނަށެވެ. އޭގެ ސިއްރަކީ ޖަޕާނާއި ރަޝިޔާގެ މެދުގައިވެސް ސަރަހައްދީ މައްސަލަތަކެއް ހުރުމެވެ. ޔުކްރޭނަށް ހަތިޔާރާއި ފައިސާގެ ގޮތުން އެހީތެރިވާ ގައުމުތަކުގެ ތެރޭގައިވެސް ޖަޕާނު ހިމެނެއެވެ.