އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު، ޗެލްސީގެ ސްޓޭޑިއަމް ސްޓެމްފޯޑު ބްރިޖުގައި އިއްޔެ ބޭއްވި ރޯދަ ވީއްލުމަށް ގިނަ މުސްލިމުން ތައުރީފު ކޮށްފިއެވެ.
ޗެލްސީން އެ ކްލަބުގެ ސްޓޭޑިއަމްގައި އިއްޔެ ބާއްވާފައި ވަނީ އޯޕަން އިވެންޓެކެވެ. އިއްޔެގެ އިވެންޓަށް ލަންޑަންގެ ބައެއް މިސްކިތްތަކުގެ މީހުންނާއި ޗެލްސީ މުސްލިމް ކޮމިއުނިޓީގެ މެމްބަރުންގެ އިތުރުން ސްކޫލްތަކުގެ މުސްލިމް ދަރިވަރުންނާއި ޗެލްސީގެ ސްޓާފުން ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ލަންޑަނުގައި ދިރިއުޅޭ މުސްލިން އާބާދީގެ ތެރެއިންވެސް ގިނަ ބަޔަކު އިވެންޓްގައި ބައިވެރިވެފައިވެއެވެ.
ޗެލްސީން އިއްޔެގެ ރޯދަ ވީއްލުން ކުރިއަށް ގެންގޮސްފައި ވަނީ ރަމަޟާން މަހު ތެރޭގައި ހާއްސަ އެހީގެ އިވެންޓްތަކެއްގެ އިތުރުން މުސްލިމުންނަށް ފަސޭހަ ކުރުމުގެ ހަރަކާތްތަކެއް ލަންޑުގައި ހިންގަމުންދާ ރަމަޟާން ޓެންޓް ޕްރިޖެކްޓާ ގުޅިގެންނެވެ. މިއަހަރަކީ ރަމަޟާން ޓެންޓް ޕްރޮޖެކްޓުން ލަންޑަނުގެ މުސްލިމުންނަށް ރޯދަ މަސް ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ 10 ވަނަ އަހަރެވެ.
ޗެލްސީން ކޮށްފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި މުޅިން އާ ކަމެކެވެ. މީގެ ކުރިން ޕްރިމިއާ ލީގު ކްލަބަކުން އާންމުނަށް ހުޅުވާލައިގެން ރޯދަ ވީއްލުމަށް ބާއްވާފައެއް ނުވެއެވެ. ޓެންޓް ޕްރޮޖެކްޓްގެ ފަރާތުން ޗެލްސީއަށް ތައުރީފްކޮށް، ސީއީއޯ އަދި ފައުންޑާ އޮމަރު ސަލްހާ ވިދާޅުވީ، ފުޓުބޯޅައާއި ރަމަޟާން މަހަކީވެސް މީހުންގެ ގުޅުން ބަދަހި ކުރުވާ ދެ ކަންތައް ކަމަށާއި، ނަސްލީ އަދި އެހެނިހެންވެސް ތަފާތުތައް އެއްކިބާކޮށް، އެކުގައި ރޯދަ ވީއްލޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ޗެލްސީއަށް އިހުތިރާމް ހައްގުވާ ކަމެއް ކަމަށެވެ.
ޗެލްސީން އިއްޔެ ބޭއްވި ރޯދަ ވީއްލުމާއެކު މުސްލިމުންގެ ކަންކަން ޕްރޮމޯޓްކުރާ ޕޭޖުތަކުންވެސް ވަނީ އެކަމަށް ތައުރީފްކޮށް ޕޯސްޓްތައް ކޮށްފައެވެ. "އިލްމް ފީޑް" ފަދަ އޯޑިއަންސް ބޮޑެތި ޕޭޖުތަކުންވެސް އެކަމަށް ތައުރީފްކޮށް ޕޯސްޓް ކޮށްފައިވެއެވެ.