މުޙައްމަދު ޝަމްޢޫން
އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި ރޭ ޗެލްސީން ބްރައިޓަން އަތްދަށުވި އިރު، މެންޗެސްޓާ ސިޓީން ތިންވަނަ ޑިވިޝަނުގެ އެލް އޮރިއެންޓް ކައިރިން ހަނިގޮތަކަށް ސަލާމަތްވެއްޖެއެވެ.
ބްރައިޓަންއިން ރޭ އަމިއްލަ ދަނޑުގައި ޗެލްސީ ކައިރިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. އެއީ ފަހަތުން އަރައެވެ. ޗެލްސީން އެންމެފަހުން ކުޅުނު އަވޭ ފަސް މެޗުގައިވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ.
ވަރުގަދަ 11 އަކާއެކު މެޗަށް ނުކުމެ، ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. ފަސްވަނަ މިނެޓުގައި ޗެލްސީން ލީޑު ނެގީ ކޯލް ޕާމާ ނެގި ހުރަހެއް މަތަކުރަން އުޅުމުގެ ތެރޭގައި ބްރައިޓަންގެ ކީޕަރު ބާޓް ވާބްރުގެން އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.
އޭގެ އިރުކޮޅެއްފަހުން، މެޗުގެ 12 ވަނަ މިނެޓުގައި ބްރައިޓަން ނަތީޖާ އެއްވަރުކުރިއެވެ. އެއީ އަރިމަތިން ޖޮއެލް ވެލްޓްމެން ނަގައިދިން ހުރަސް، ބޮލުން ގޯލަށް ވައްދާލައިގެން ޖޯޖީނިއޯ ރަޓާ ޖެހި ގޯލެކެވެ. އޭގެފަހުން ދެވަނަ ހާފުގެ މެދާ ހަމައަށް ދަންދެން ބްރައިޓަންގެ ހަމަލާއެއް ފެނިފައި ނުވާ އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޗެލްސީގެ އެންޒޯ ފެނާންޑޭޒް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން ބްރައިޓަން ލީޑު ނެގީ 57 ވަނަ މިނެޓުގައެވެ. ކައޫރޯ މިޓޯމާ ޖެހި ގޯލާއެކު ޗެލްސީން ރެފްރީއަށް ވަރަށް ބޮޑަށް ޝަކުވާވެސް ކުރިއެވެ. އެއީ އެ ގޯލަށް ފުރުސަތު ތަނަވަސްކުރުމުގައި ތާރިގް ލަމްޕްޓޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެއެވެ. އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ވީއޭއާރް ނުބަލާތީ، ރެފްރީ ދެވަނަ ފަހަރަށް އެ ނިންމުން ރިވިއު ކޮށްފައެއް ނުވެއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި އެލް އޮރިއެންޓުން ލީޑު ނެގީ ތަފާތު ގޯލަކުންނެވެ. 50 ޔާޑް ދުރުން ޖޭމީ ޑޮންލޭ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ދަނޑީގައި ޖެހި ސިޓީ ކީޕަރު ސްޓެފަން އޮރިޓޭގާ ގައިގައި ޖެހިފައެވެ.
ފުރަތަމަ ހާފު ނިމި ދެވަނަ ހާފު ފެށެންދެން އެލް އޮރިއެންޓުން ސިޓީ ހިފަހައްޓާލާފައިވާ އިރު، ސިޓީގެ ފުރަތަމަ ގޯލު ފެނުނީ 56 ވަނަ މިނެޓުގައެވެ. އެއީ ރިކޯ ލެވިސް ފޮނުވާލި ބޯޅައެއް، މި ޖެނުއަރީ މަހު ސިޓީއާ ގުޅުނު އަބްދޫކޯދިރު ހުސަނޯވް ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ވަން ގޯލެކެވެ.
އޭގެފަހުން ސިޓީން ނުރައްކާ ކުރަމުން ގޮސް، މެޗު ނިމެން 12 ވަރަކަށް މިނެޓަށްވެފައި ވަނިކޮށް، ފަސްވަނަ ބުރު ޔަގީންކުރީ ކެވިން ޑި ބްރޭނާ ޖެހި ގޯލުންނެވެ.