އިނގިރޭސި ޕްރިމިއާ ލީގު

ޗެލްސީއަށް ހަމަޖެހުމެއް، ގޯހެއް ހެދިޔަސް ސަންޗޭޒްއަށް އިތުބާރު އެބައޮތް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ވުލްވްސް ކައިރިން މޮޅުވެ، ޗެލްސީން ގިނަ ދުވަސްތަކަކަށްފަހު ލީގު މޮޅެއް ހޯދައިފިއެވެ.

ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ވުލްވްސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މޮޅަކީ ފަސް މެޗަށްފަހު ލީގުގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. ޖެހިޖެހިގެން ފަސް މެޗުން މޮޅެއް ނުހޯދި، ޗެލްސީ ގަދަ ހަތަރަކުންވެސް ސޮއްސާލާފައި އޮތް އިރު، އެ ޓީމުން ރޭ ހޯދި ތިން ޕޮއިންޓާ އެކު އަނބުރާ ގަދަ ހަތަރެއްގެ ތެރެއަށް ޖެހިލިއެވެ.

ޗެލްސީ މިވަގުތު ހަތަރު ވަނައިގައި އޮތީ 22 މެޗުން 40 ޕޮއިންޓާއެކުގައެވެ. އެޓީމުގެ ތެރިން ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 22 މެޗުން 38 ޕޮއިންޓް ލިބިފައިވާ އިރު، މިވަގުތު ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 22 މެޗުން 44 ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި އޮތް އާސެނަލަށްވެސް 22 މެޗުން 44 ޕޮއިންޓް ލިބިފައިވާ އިރު، އެއްވަނައިގައި ލިވަޕޫލް އޮތީ 21 މެޗުން 50 ޕޮއިންޓް ހޯދައިފައެވެ.

ރޭގެ މެޗުގައި ޗެލްސީން ޓޮސިން އަޑަރަބިއޯޔޯ ޖެހި ގޯލުން އެޓީމުން ލީޑު ނެގި ނަމަވެސް، ހާފު ނިމެން ދަނިކޮށް ވުލްވްސްއިން އެއްވަރު ކުރިއެވެ. މެޓް ޑޮހާޓީ ވުލްވްސްއަށް އެއްވަރުކޮށްދިނީ ކޯނަރެއްގައި ޗެލްސީ ކީޕަރު ރޮބާޓް ސަންޗޭޒް ހެދި ބޮޑު ގޯހަކުންނެވެ.

ޗެލްސީ މެޗުން މޮޅުވީ ދެވަނަ ހާފުގައި ޖެހި އަވަސް ދެ ގޯލާއެކުގައެވެ. އެޓީމުގެ ގޯލުތައް ޖަހައިދިނީ މާކް ކުކުރޭލާ އާއި ނޮނީ މަޑުއޭކޭއެވެ.

ރޭގެ މެޗަށްފަހު ކީޕަރު ސަންޗޭޒްއާ ގުޅިގެން ނޫސްވެރިން ވަނީ ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާއާ ސުވާލުކޮށްފައެވެ. އެގޮތުން ނޫސްވެރިން އެހީ ސަންޗޭޒް ރޭ ހެދި ގޯހަކީ މި ސީޒަނުގައި އޭނާ ހެދި ބޮޑު ހަތަރުވަނަ މިސްޓޭކް ކަމަށާއި އެހިސާބުން ވެސް އިތުބާރު ކުރެވޭނެތޯއެވެ.

"ތިބުނަނީތާ ސަންޗޭޒް ހެދި ހަތަރުވަނަ މިސްޓޭކޭ އެއީ. އެހެންވީމަ ގުނާލާފަ ބުނެބާ ސަންޗޭޒް އަހަރެމެން ސަލާމަތްކޮށްދިނީ ކިތައް ފަހަރުކަން. ހަމަ ޔަގީނުންވެސް ހަތަރަކަށްވުރެ ގިނަ. އެހެންވީމަ މައްސަލައެއް ނެތް. ގޯސް ހެދޭނެ. ފޯވަޑުންނާއި މިޑްފީލްޑަރުންނަށްވެސް ގޯސް ހެދޭނެ. އެއީ މައްސަލައެއް ނޫން،" މަރެސްކާ ބުންޏެވެ.