ކުއްލި ޚަބަރު

މެޑަމް ލައިލާގެ ކުރީގެ ބޮޑީ ގާޑަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

މަރިޔަމް ޝަހުދާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީގެ ކުރީގެ ބޮޑީގާޑު އދ.މާމިނގިލި، ނެދުންގެ، ލާންސް ކޯޕްރަލް އަހުމަދު ޝާނީޒް އަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަހުމަދު ޝާނީޒްގެ ވަކީލު ނާޒިމް އަބްދުލް ސައްތާރު ވަނީ މިކަން "ވަން އޮންލައިން" އަށް ޔަގީންކޮށްދެއްވައިފައެވެ.

ޝާނީޒް އަށް އެމްއެންޑީއެފްގައި އޭނާ ކުރިން އަދާކުރި ވަޒީފާ ދިނުމަށް މިއަދު ކުރި ހުކުމުގައި، އަނބުރާ ވަޒީފާ ދިނުމުގެ އިތުރަށް އޭނާ ވަޒީފާއިން ވަކިކުރުމުން ބަދަލެއްގެ ގޮތުގައި އެއްލައްކަ އަށްޑިހަ ނުވަހާސް ރުފިޔާ ދިނުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޝާނީޒް އެމްއެންޑީއެފް އިން ކަނޑާލާފައިވަނީ އޭނާގެ ވަޒީފާ ބަދަލުކުރުމަށް ޗިޓް ފޮނުވުމަށް ފަހުއެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ އަހްލާގާއި ސުލޫކާއި ހިލާފުވެފައިވާތީކަމަށް ޝާނީޒް ވަޒީފާއިން ވަކިކުރިކަމުގެ ޗިޓުގައި ވެއެވެ.

ޝާނީޒް ގެ އިތުރުން މެޑަމް ލައިލާގެ ބޮޑީގާޑުކަން ކުރިން އަދާކުރި ސ. ފޭދޫ އާސްތާނާ އަހުމަދު ފައްތާހުވެސް ވަނީ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.