ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އަދީބު ގޭބަންދަށް ބަދަލުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.
އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހުއެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް ވިދާޅުވީ، އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ރޭ 11:30 ހާއިރު ޝަރުތު ތަކަކާއެކު ކަމަށެވެ.
ނަމަވެސް އަދީބު ގޭބަންދަށް ބަދަލުކޮށް ފައިވަނީ ކޯޓު އަމުރަކުން ނުވަތަ ޑޮކްޓަރުގެ ލަފާގެ މަތިންކަން ކަރެކްޝަނުން ހާމައެއް ނުކުރެއެވެ. މީގެ އިތުރުން އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއްވެސް ކަރެކްޝަނުން ހާމައެއް ނުކުރެއެވެ.
ޓެރެރިޒަމްގެ އިތުރުން ހިޔާނާތުގެ އެކި ދައުވާތައް ސާބިތުވެ، ތަފާތު އެކި ކުށްތަކުގައި އަދީބު ޖަލަށް ލާފައި ވަނީ 33 އަހަރަށެވެ.
ބަންދުގައި ހުރެ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން މީގެ ކުރިންވެސް އަދީބު ވަނީ ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގޭ ބަންދަށް ބަދަލު ކުރެވިފައެވެ. ނަމަވެސް ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގޭގައި ބެހެއްޓުމަށްފަހު ދީފައިވާ މުއްދަތު ހަމަވުމުން އަދީބު އަނބުރާ ޖަލަށް ގެންގޮސް ފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
އެ މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން އަދީބު ގޭބަންދަށް ބަދަލު ކުރުމަށް އަމުރުކުރިތާ 24 ގަޑިއިރު ނުވަނީސް، އެމައްސަލަ ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ އަދީބު ޖަލަށް ބަދަލުކުރުމަށް އަމުރުކޮށްފައެވެ. އޭގެ ފަހުންވެސް އަދީބް އެކި ފަހަރު މަތިން ޑޮކްޓަރަށް ދެއްކުމަށް ވަނީ މާލެ ގެނެވިފައެވެ.